ޚަބަރު

ރިޟްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓާއެކު ދެ ފުލުހެއްގެ މައްސަލަ ބަލަނީ


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލާގައި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުން ހާމަ ކުރި މައުލޫމާތުތަކުގެ މައްޗަށް ބަލައި ދެ ފުލުހެއްގެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ފުލުސް އޮފީހުން ހާމަ ކުރައްވައިފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރިޟްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އާންމުކުރި މަޢުލޫމާތުގެ ތެރޭގައި ދެ ފުލުހަކާއި ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އިތުރަށް ތަޙްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އޭގެ އިތުރުން ފުލުހުންގެ މުވައްސަސާއިން ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލަ ކޮމިޝަނުން ތަޙްޤީޤްކޮށް ނިންމުމަށްފަހު ތަޙްޤީޤް ރިޕޯރޓް ލިބުމުން ފުލުހުންގެ މުވައްސަސާގެ މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާޢީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެފަރާތަކާއި މެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް އަރުވާ ކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހު ރިޔާސީ ކޮމިޝަނުން އާންމުކުރި މައުލޫމާތުތަކުގެ ތެރޭގައި ރިޟްވާން ގެއްލުނު ފަހުން، އޭނާ ސިރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، ފުލުހުންގެ އިންޓެލް ދެ ފުލުހަކު ރިޟްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް އިމިގްރޭޝަނުން ހޯދުމަށް މަސައްކަތް ކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ ރިޔާސީ ކޮމިޝަން އުފެދުމާއެކު އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވާލި މައްސަލަ އާ ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް އެއްކުރެވިފައި ހުރި ހުރިހާ ހެއްކާއި ޤަރީނާ އަދި މަޢުލޫމާތު ކޮމިޝަނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އަދި އެ މައްސަލައާއި ގުޅިގެން އެ ކޮމިޝަނުން ކުރަމުން އަންނަ ތަޙްޤީޤަށް ފުލުހުން މެދުވެރިކޮށް އިތުރަށް ހޯދަން ބޭނުންވާ މަޢުލޫމާތާއި ސާފުކުރަން ބޭނުންވާ ކަންކަމާއި އަދި އޮޕަރޭޝަނަލް އެހީތެރިކަން އެ މިހާރު ވެސް ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ރިޔާސީ ކޮމިޝަނަށް އެ މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވުނު ކަންކަމުގެތެރެއިން ފުލުހުން އިތުރަށް ތަޙްޤީޤް ކުރަންވީ ކަންކަމާއި ގުޅޭގޮތުން އެ ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ ރިޟްވާން ގެއްލުވާލި މައްސަލައިގައި ރިޟްވާންގެ އާއިލާ އާއި ހެޔޮއެދޭ މީހުން އުއްމީދުކުރި ފަދަ ހިދުމަތެއް ދެވިފައިނުވާތީ ހިތާމަ ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

"އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައާއި ގުޅިގެން އަޙްމަދު ރިޝްވާން ޢަބްދުﷲގެ އާއިލާއާއި އެކުވެރީން ކުރަމުންދާ ހިތާމައިގައި މި ސަރވިސްއިން ވެސް ބައިވެރިވާކަމުގައި ދަންނަވަމެވެ. އަދި އަޙްމަދު ރިޝްވާން ޢަބްދުﷲ އަށް އިންސާފު ހޯދައިދިނުމުގައި އަޙްމަދު ރިޝްވާން ޢަބްދުﷲގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުން އުންމީދުކުރި ފަދަ ޚިދުމަތެއް މި ސަރވިސްއަށް ފޯރުކޮށްދެވިފައިނުވާތީ މި ސަރވިސްއިން އެކަމާ ހިތާމަކުރަމެވެ." ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.