ޚަބަރު

ރަސްމީ ދަތުރުފު ނިންމަވާލެއްވުމަށްފަހު ސްރީލަންކާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި


ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމް ސިންހަ ރާއްޖެއަަށް ކުރެއްވި ރަސްމީ ދަތުރުފު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބޮޑުވަޒީރު ރަނިލްވިކްރަމް ސިންހައަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދައުވަތަކަށް ސްރީލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ރަނިލް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމް ސިންހަގެ އިތުރުން ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުންތަކުގައިވެސް ވަނީ ސޮއި ކުރައްވާފައެވެ. އޭގެތެރޭގައި ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ތިން މަސްދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ޒުވާނުން ކުރިއެރުވުމަށާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވާފައެވެ.

ރަނިލް ވިކްރަމަސިންހަގެ މި ދަތުރުފުޅުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބޮޑުވަޒީރު ރަނިލް އިސްކޮން ތިއްްބަވައިގެން ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައްވެސް ވަނީ ބާއްވަވާފައެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޒުވާނުން ތަރައްޤީ ކުރުމުގެ ދާއިރާއާއި، ސަޤާފީ ގޮތުން ގުޅުން ބަދަހިކުރުމުގެ އިތުރުން ސަރަޙައްދީ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމާ ބެހޭގޮތުން ދެޤައުމުގެ ދެމެދުގައި މަޝްވަރާކުރެއްވިއެވެ.

އަދި ރަނިލް ވަނީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތަގްރީރުވެސް ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގައި ރަނިލް ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށް ރާއްޖޭގެ ދެ ސަރަޙައްދެއްގައި ދެ ސްކޫލް ޤާއިމްކޮށްދެއްވާނެކަމަށް ބޮޑުވަޒީރު ރަނިލް ވާނީ އިއުލާން ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕްރޮފެސަރ މައިތްރީ ވިކްރަމަސިންގްހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވައިފައި އެވެ.

ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަގެ މިދަތުރުފުޅުގައި، އިއްޔެ ބޭއްވި ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ޗެއަރ ކުރައްވާއިވެއެވެ.