ޚަބަރު

ޝުޖޫން އާއި އަޒްމިރާލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ.އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މިއަދު އައްޔަން ކުރައްވައިފިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް މި ދެބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ އެދެބޭފުޅުން އެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރެއްވި 2 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.

ދެ ބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޑރ.އަޒްމިރާލްދާ ޒާހިރު މީގެ ކުރިން ވަނީ ހައިކޯޓްގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އަދި އައިޝާ ޝުޖޫން އަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާ ހަމައަށް ބާ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަނިޔާވެރި ޢަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ސަބް-ކޮމެޓީ (އެސްޕީޓީ)އަށް ދެފަހަރު އިންތިޚާބުވެވަޑައިގެންނެވި އައިޝާ ޝުޖޫން އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާޟީވެސްމެއެވެ.