ޚަބަރު

ސުޕްރީމް ކޯޓުގެ ބެންޗަށް ދިޔާނާ އާއި ހައިކޯޓުގެ ބައެއް ފަނޑިޔާރުން ކުރިމަތިލައިފި


ސުޕްރީމް ކޯޓުގެ ބެންޗަށް ކުރިމަތިލެއްވުމަށް ޖޭއެސްސީ އިން ހުޅުވާލެއްވި ފުރުސަތުގައި 6 ބޭފުޅަކު އެ މަޤާމަށް ކުރިމަތިލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި ޢަބްދުﷲ ދީދީ އެ މަޤާމުން ވަކި ކުރެއްވުމުން ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިއަދުއެވެ.

ޖޭއެސްސީން އާންމުކުރި ގޮތުގައި ސުޕްރީމް ކޯޓުގެ ބެންޗަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވަނީ ކުރިމަތިލައްވާފައެވެ.

މި ފަހަރު ވެސް ހައިކޯޓުގެ ބައެއް ފަނޑިޔާރުން ސުޕްރީމް ކޯޓަށް ކުރިމަތިލެއްވިއެވެ. އެއީ ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒާއި ފަނޑިޔާރު ޙަސަން ޢަލީއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަން ކުރެއްވުމާމެދު ލާފުޅަކަށް އެދިވަޑައިގެން ރައީސުލްޖުމްޙޫރިއްޔާ ވަނީ ޑްރަގް ކޯޓުގެ އިސް ގާޒީ މަހާޒް ޢަލީ ޒާހިރުގެ ނަން ޖޭއެސްސީއަށް ފޮނުއްވާފައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ތެރޭގައި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލް ކަމުގައި މަދުވެގެން 7 އަހަރު މަސައްކަތްކުރައްވާފައިވާ ފަރާތަކަށް ވާންޖެހެއެވެ. މިހާތަނަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައިވާ ގިނަ ބޭފުޅުންނަކީވެސް ހައިކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.