ޚަބަރު

ޝައިޚު ހުސައިން ރަޝީދަަށް ފޮރިން މިނިސްޓްރީގެ އިސް މަޤާމެއް ދެއްވައިފި


ފޮރިން މިނިސްޓްރީގެ އެޓިޝަނަލް ސެކްރެޓަރީގެ މަގާމަށް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.

އޭނާ އެމަޤާމަށް ލެއްވީ އިއްޔެއެވެ. ހުސައިން ރަޝީދުވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންކަންވެސް ކުރައްވާފައެވެ.

އޭގެ އިތުރުން ރައީސް ނަޝީދުގެ ސަރުކާރުގައި އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސްކަންވެސް ކުރައްވާފައިވެއެވެ. އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވާފައިވާ ޝައިޙް ޙުސައިން ރަޝީދު ގެންދަވަނީ ޝަހީހުލް މުސްލިމްގެ ދިވެހި ތަރުޖަމާގެ ބައިތައް 2012ވަނަ އަހަރުން ފެށިގެން ނެރުއްވަމުންނެވެ.

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ނައިބު މިނިސްޓަރުގެ ފެންވަރުގައެވެ. އޭނާ މިމަޤާމަށް ޢައްޔަންކުރެއްވުމާއެކު ފޮރިން މިނިސްޓްރީގައި އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ތިން ބޭފުޅުން މިހާރު ތިއްބަވާނެއެވެ.