ޚަބަރު

ރާއްޖެ އާއި ރުވާންޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފި


ދިވެހިރާއްޖެ އާއި ރުވާންޑާއާ ދެމެދު މިއަދު ސިޔާސީ ގުޅުން ޤާއިމުކޮށްފިއެވެ.

ސިޔާސީ ގުޅުން ޤާއިމުކުރުމަށްޓަކައި، ދެޤައުމުގެ ދެމެދުގައި އެކުލަވާލި ގުޅިފައިވާ ބަޔާނުގައި ސޮއިކުރުންއޮތީ، ނިއުޔޯކުގައި ހުންނަ ރުވާންޑާގެ ދާއިމީ މިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ، ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ޙުސެއިނެވެ. ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ ރުވާންޑާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ އެޤައުމުގެ ދާއިމީ މަންދޫބު ވެލެންޓައިން ރުގްވަބިޒާއެވެ.

ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއެކު ޚާރިޖީ ގުޅުންތައް ގާއިމުކޮށް، ރާއްޖެއަކީ ބޭރު ޤައުމުތަކުން ބަލައިގަންނަ ޤައުމަކަށް ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒެވެ.

ރުވާންޑާ އާއެކު ސިޔާސީ ގުޅުން ޤާއިމުކުރެވުމުން، ރާއްޖެއާއެކު ސިޔާސީ ގުޅުން އޮންނަ ޤައުމުތަކުގެ އަދަދަކީ މިހާރު 172އެވެ. އަދި މިއީ މިސަރުކާރުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނު ދެވަނަ ޤައުމެވެ.

ރުވާންޑާ އަކީ ކޮމޮންވެލްތުގެ ޤައުމެކެވެ. އަދި 2020ވަނަ އަހަރުގެ ކޮމޮންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ރުވާންޑާގެ ވެރިރަށް ކިގާލީގައެވެ.