ވިޔަފާރި

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި 8 ފަރާތަކުން ހުށަހަޅައިފި


މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި 8 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. ލޯނަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރު ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ވަނީ ލޯނަށް އެދި ހުށަހަޅާއިރު ރަހުނު ބަހައްޓަން ނުޖެހޭގޮތަށް ހަމަޖައްސާފައެވެެ.

މި ލޯނަށް އެދުމަށް އެންމެ ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މެއިމަހުގެ 26 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ޖޫންމަހުގެ 25 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރިއެވެ. އެންމެފަހުން ހުޅުވާލި ފުރުޞަތު މިދިޔަމަހުގެ އެއްވަނަދުވަހަށް ހަމަވުމާ ގުޅިގެން ވަނީ މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ވަނީ އިތުރުކޮށްފައެވެ. މުއްދަތު ހަމަވި އިރު ލޯނަށް އެދި 8 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

"ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި ދޫކުރާ މި މިލޯނަކީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނެކެވެ. މިލޯނުގެ މަޤުޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ހިންގާ ލޯނު ޕްރޮގްރާމެކެވެ. އަދި މަސްވެރިކަމުގައި ބޭނޭ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމަކީވެސް މީގެ މަޤްޞަދެކެވެ.

ލޯނު ޕްރޮގްރާމްގެ ދަށުން ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ލޯނަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެކަމަށާ، މިލޯނު ދޫކުރާނީ ފައިބަރު ދޯނިފަހަރުތަކަށް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެއަގު ކަނޑައަޅާފައިވަނީ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމުގެ 10 ޓަނާއި 15 ޓަނުގެ ޕްލާންޓަށް އަމާޒުކޮށް، އޭގެ އަގާއި ސިސްޓަމް ހިންގަން ބޭނުންވާ ޖަނަރޭޓަރުގެ އަގާއި ދޯނީގައި މިސިސްޓަމް ހަރުކުރުމުގެ އަގު ހިމަނައިގެންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

6 އިންސައްތައިގެ އިންޓްރެސްޓް ރޭޓަކާއި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ދޫކުރާ މިލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.