ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އިންސާނުންގެ ބައެއްކަހަލަ ނޭދެވޭ އާދަތައް ދޫކޮށްލަންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސްވިޓްޒަލަންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް" ގެ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުންނެވެ. މިގޮތުން މިނިސްޓަރ ވަނީ 2015 އަހަރު ފަރަންސޭސި ވިލާތުގެ ޕެރިހުގައި އެކުލަވާލެވުނު ޕެރިސް އެގްރީމެންޓްއަށް ފަހު މިހާރު މުޅި ދުނިޔެވަނީ މި އެގްރީމެންޓްގައި އެއްބަސްވެވުނު ކަންތައްތައް ތަންފީޒު ކުރުމަށް އަތުކުރި އޮޅާލާފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި އެ އެއްބަސްވުމުގައިވާ ބައެއްކަންތައްތައް ތަންފީޒު ކުރެވެމުންދާއިރު ޓުއަރިޒަމް އަށާއި އިމްޕޯޓް މާކެޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިސާދަށް އަސަރުތަކެއް ކުރާނެ ކަމަށާއި، މިފަދަ ކަންކަމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ފޮރިން އިންވެސްޓްމެންޓްތައް ގެނައުމުގެ މުހިއްމުކަމާއި، އަދި މައިގަނޑު އެއް ދާއިރާއެއް ނުވަތަ ދެ ދާއިރާއަކަށް އިޤްތިސާދެއް ބަރޯސާވެފައި އޮންނައޮތުން ކުޑަ ކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްވިޓްޒަލަންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް" ގެ ބައްދަލުވުމަކީ އދ.ގެ ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕމެންޓް (ޔޫ.އެން.ސީ.ޓީ.ޑީ) ގެ ފަރާތުން އިންތިޒާމްކޮށްގެން، ބާއްވާ ބައްދަލުވުމެކެވެ. އަދި ޔޫ.އެން.ސީ.ޓީ.ޑީ ގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ ދައުވަތަކަށް، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ހުސައިން ރަޝީދު ޙަސަން ބައިވެރިވެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ.
މި ބައްދަލުވުން މި މަހުގެ 9އިން 13އަށް ކުރިއަށް ދާއިރު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމުގައި، ވިޔަފާރިއާއި އިޤްތިސާދަށް ކުރަމުންދާ އަދި ކޮށްފާނެ އަސަރުތަކާއި އެފަދަ ކަންކަން ކުޑަކުރުމަށް ޤައުމުތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.