ޚަބަރު

ކުރިޔަށް އޮތް ފަސް އަހަރަށްވެސް ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށް އެސްޓީއޯ


ކުރިޔަށް އޮތް ފަސް އަހަރުވެސް ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރގެ ގޮތުގައި އެސްޓީއޯއިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަހުމަދު ރިޔާޒެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ ޢާއިޝަތު ޝައްފާނާ ރަޝީދެވެ. އެސްޓީއޯއިންވަނީ މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ މިއެވޯޑް ވޭތުވެދިޔަ ފަސްއަހަރުވެސް ސްޕޮންސަރކޮށްފައެވެ. މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ދެމުން އަންނަ މި އެވޯޑް އެސްޓީއޯއިން ވިދިވިދިގެން ސްޕޮންސަރ ކުރާ މިއީ 10ވަނަ އަހަރެވެ.

އެސްޓީއޯއިން ޓޮޕް އެޗީވަރސް އެވޯޑް ސްޕޮންސަރކޮށްފައިވާއިރު ޖީސީއީ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑުދިނުމަށް ބާއްވާ ޚާއްސަ ޖަލްސާ މާދަމާރޭ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރުގެ އެވޯޑު ޙަފްލާގައި 75 ސްކޫލަކުން 400އަށް ވުރެ ގިނަ ދަރިވަރުން އެވޯޑު ޙާސިލުކޮށްފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

އަދި މުޅި ދުނިޔޭގެ ގަދަ ދިހައެއްގައިވެސް ދިވެހި ގިނަ ދަރިވަރުންތަކެއް ހިމެނިގެން ގޮސްފައިވާކަމެއް މިނިސްޓްރީން ވިދާޅުވެއެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ހަތަރުހާސް ފަސްސަތޭކަ ހަތްދިހަ އެއް ދަރިވަރުން ބައިވެރިވެފައިވާއިރު ބީޓެކާއި ދަސްވާރު ޕްރޮގްރާމްގައި އަށްސަތޭކަ ފަސްދޮޅަސް ދެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.

ގަދަ ދިހައެއްގައި ވާދަކުރާ ދަރިވަރުންގެ ޢަދަދު އިތުރުވެ މުޅި ދުނިޔޭގެ ގަދަ ދިހައެއްގައި ވާދަކުރަމުން އަންނަ ކުދިންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުވެސް ރާއްޖޭގެ 21 ސްކޫލަކުން 300އަށް ވުރެ ގިނަ ދަރިވަރުންވަނީ ގަދަދިހައެއްގެ އެވޯޑު ޙާސިލުކޮށްފައެވެ. ގަދަ ދިހައެއްގައި އެވޯޑު ދޭ އުސޫލު މިދިޔަ އަހަރުން ފެށިގެންވަނީ މުރާޖާކޮށް އަލުން ބަދަލުކޮށްފައެވެ.