ޚަބަރު

އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއްކަން އަދި ފާހަގައެއް ނުވޭ - ފުލުހުން


ހުކުރު ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމަކުން ހިނގި ކަމެއްކަން އަދިމިހާތަކަށް ފާހަގަ ނުކުރެވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރައްދުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓުމަންޓުގެ ވަރަށްގިނަ އޮފިސަރުންނާއި ފޮރެންސިކް ޑިޕާޓްމަންޓްގެ ކްރައިމް ސީން އޮފިސަރުންގެ އިތުރުން ފޮރިންސިކް އެކްސްޕާޓުން މިސަރައްދުގައި ޤާއިމުވެ ތިބެގެން އަލިފާނުގެ ހާދިސާ ތަޙްގީގު ކުރަމުންދާ ކަމަށެވެ.

ޝިފާޢު ވިދާޅުވީ އެހާދިސާ ހިނގަން ދިމާވި ސަބަބާއި އަދި ފުރަތަމަ ރޯވެފައިވަނީ ކޮންތަނެއްގައިކަން ހޯދުމަށް އަދިވެސް ފުލުހުން މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ. އެކަން ހޯދުމަށް އެ ސަރައްދުގައި ހުރި ސީސީޓީވީ ވީޑިއޯ ފޫޓޭޖްތައްވެސް ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ގަސްތުގައި ބަޔަކު ކުރިކަމެއްކަމަށް ބެލެވޭނެ ކަމެއް، މިހާތަނަށް ފެނިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

" ތަހްގީގު ކުރިއަށް މި ގެންދަނީ ހުރިހާ އޭންގަލްތަކުންވެސް ބެލިގެން. އެކަމުގެ ޔަގީންކަން ދެން. އަލިފާނުގެ ހާދިސާ ހިނގާދިޔައީ އެކްސިޑެންޓްލީ ވީ ކަމަކުންތޯ ނުވަތަ މި ހުރިހާ އޭންގަލަކުން އަޅުގަނޑުމެން ބަލަމުން ގެންދާނަން. އެކަމު އެ މައުލޫމާތު( ބަޔަކު ގަސްތުގައި ކުރިކަމެއްގެ މައްޗަށް) އެއްވެސް ކަމެއް މި ވަގުތާހަމައަށް އެއްވެސް ކަމެއް ފާހަގަ ކުރެވިފައެއް ނުވޭ،" ޝިފާއު ވިދާޅުވި އެވެ.

ޝިފާޢު ވަނީ އެހާދިސާއާ ގުޅިގެން ލިބޭ މަޢުލޫމާތުތައް ޢާންމުކުރުމުގެ ބަދަލުގައި ފުލުހުންނާ ހިއްސާ ކުރުމަށްއެދިވަޑައިގެންފައެވެ.

"ސީދާ، ސީދާ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ ހާއްސަ ގޮތެއްގައި އަލިފާނުގެ ހާދިސާ ހިނގި ކަމަށް އަޅުގަނޑުމެނަށް ވަރަށް ބޮޑަށް ބެލެވޭ ދިމާލާ އެކީގައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާނުގެ ޙާދިސާއަކީ ބަޔަކު ކުރިކަމެއް ކަމަށް ބުނެ އެއްވެސް ފަރާތަކުން އެމަޢުލޫމާތު ރަސްމީ ސިފައެއްގައި ފުލުހުންނާ ޙިއްސާކޮށްފައި ނުވާކަމަށެވެ.

މިޙާދިސާގައި 21 ސައިކަލަކާއި ޕިކަޕެއް އަނދައިގެން ގޮސްފައިވާ ކަމަށާއި އެތަކެތީގެ ވެރިފަރާތްތަކާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނޭޝަނަލް ޑިޒާސްޓަރމެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ ގެއްލުންވި ގެތަކުގައި ދިރިއުޅުނު އާއިލާތަކަށް ދެމުންދާ ވަގުތީ ހިޔާގެ އެހީތެރިކަން ކުރިއަށް އޮތް ހަފްތާއެއް ދުވަހަށް ދެމުންދާނެކަމަށެވެ.