ވިޔަފާރި

70 އަހަރު ތެރޭ ޗައިނާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައި - ޗައިނާ ސަރުކާރު


70 އަހަރު ތެރޭގައި ޗައިނާގެ އިޤްތިސާދަށް ބޮޑު ކުރިއެރުންތަކެއް ލިބި، އާންމު ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތު ރަގަނޅު ކުރެވިފައިވާކަމަށް ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރީފޯމް ކޮމިޝަންގެ ވައިސް ޗެއަރ ނިން ޖީޝޭ ވިދާޅުވެއްޖެއެވެ.

ޖީޝޭ މިހެން ވިދާޅުވީ ޗައިނާގެ 70 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޗައިނާއިން އެކި ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތަކުގެ މައުލޫމަތު މީޑިއާއަށް ދިނުމަށް ޤާއިމްކޮށްފައިވާ ޕްރެސް ސެންޓަރުގެ ފަރާތުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ޖީޝޭ ވިދާޅުވީ އެޤައުމުގެ ޖީޑީޕީ 1952 ވަނަ އަހަރު 67.91 ބިލިއަން ޔުއާނުން 2018 ވަނަ އަހަރާއި ހަމަޔަށް 90.03 ޓްރިލިއަން ޔުއާންއަށް އިތުރުވެފައިވާކަމަށެވެ. އަދި މިދިޔަ 70 އަހަރުގެ ތެރޭގައި ޗައިނާއިން އިޤްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާ، އާންމުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވިދާނެކަން ފާހަގަކޮށްފައެވެ. އަދި މިމުއްދަތުގައި އާންމުން ރައްޔިތުން ތަކެއްޗަށް ހަރަދުކުރުމަށް ލިބޭ އާމްދަނީ 1949 ވަނަ އަހަރުން 2018 ވަނަ އަހަރަށް 59.2 ގުނަ އިތުރުވެފައިވާކަމަށް ފާހަގަކޮށްފައެވެ. މީގެއިތުރުން ޕާ ކެޕިޓާ ކޮންސަމްޝަން އެކްސްޕެންޑިޗާ، ނުވަތަ ވަކިވަކި ގޭބީސީތަކުގެ އާންމުދަނީގެ ނިސްބަތް 1956 ވަނަ އަހަރުން ފެށިގެން 28.5 ގުނަ އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ.

ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ފިނޭންސް މިނިސްޓާ، ލިއު ކުން ވަނީ މިދިޔަ ހަތް ދިހަ އަހަރުގެ ތެރޭގައި ޗައިނާގެ ޕަބްލިކް ފިނޭންސް ސިސްޓަމް މަޑުމަޑުން ރަގަނޅުވެފައިވާ ގޮތުގެ ތަފްސީލް ދީފައެވެ. މިގޮތުން ސެންޓްރަލް ސަރުކާރުގެ ބަޖެޓް ރެވެނިއުގެ ތިން ބައިކޮޅު ދެ ބައި ހޭދަކޮށްފައިވަނީ ލޯކަލް ގަވަމަންޓުތަކުގެ ތަރައްޤީގެ މަޝްރޫތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

މިޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޗައިނާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޔީ ގާންްގް ވިދާޅުވީ އެމެރިކާއާއި ޔޫރަޕްގެ ބޭންކުތަކުން ފެޑެރަލް ރިޒާވް ކަޓްސް އިއުލާންކުރިނަމަވެސް ޗައިނާގެ އިޤްތިސާދަށް ރިއާޔަތްކޮށް، މިފަދަ ފިޔަވަޅެއް އެޅުމަށް ނުވިސްނާކަމަށެވެ.

އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ޗައިނާއިން ފާހަގަކުރުމަށް ހަމަޖެހިފައިވާ 70 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޕެރޭޑާއި ހަފްކާތަކަށް ދަނީ ތައްޔާރުވަމުންނެވެ. މިއަހަރުގެ ޤައުމީ ދުވަހާއި ގުޅުވައިގެން ޗައިނާގެ އަދި ބޭރު ޤައުމުތަކުގެ މީޑިއާތަކަށް ޤައުމުގެ އެކި ސިޓީ، ޕްރޮވިންސްތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލުމަށް ޕްރެސް ސެންޓަރ ޤާއިމްކޮށް، ހަރަކާތްތައް ފަށާފައެވެ.