ވިޔަފާރި

ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢެއް ހދ.އަތޮޅުގައި ހިންގަން އުޅޭކަމުގެ އިޝާރާތެއް މިނިސްޓަރ ދެއްވައިފި


މިއަހަރުގެ ފަތުރުވެރިކަމުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ހދ.އަތޮޅަށް ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢުއެއް ޢިއުލާންކުރައްވާނެކަމުގެ އިޝާރާތެއް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ދެއްވައިފިއެވެ.

ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، އަންނަ އަންގާރަ ދުވަހުގެރޭ ބާއްވާ ފަތުރުވެރިކަމުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް ޢިއުލާންކުރައްވާނެކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން މިރަށްތަކުގެ އެންވަޔަރަމަންޓް އެސެސްމެންޓާއި ސޯޝިއަލް އިކޮނޮމިކް އިންޕެކްޓް މިހާރު ބަލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޯޕަން ބިޑް ޕްރޮސެސްގައި ދެފުށް ފެންނަފަދަ ގޮތަކަށް މިރަށްތައް ފަތުރުވެރިކަމަށް ދޫކުރުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށާއި މީގެތެރޭގައި ހދ.އަތޮޅުގެ ރަށްތައް ހިމެނޭކަމުގެ އިޝާރާތެއް މިނިސްޓަރ ވަނީ ދެއްވާފައިއެވެ.

"އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެންމެ އިންތިޒާރުކުރާ ދުވަސްކަމަށް އަޅުގަނޑުމެން ދެކެނީ. ޙާއްސަކޮށް ހދ. އަތޮޅުގެ މެންބަރުން ފެނުނީމަވެސް މިހާރު ވަރަށް ބޮޑަށް އެބޭފުޅުންގެ މޫނަށް ބަލާލެވޭ. ވަރަށް ގިނަ ދުވަހު އިންތިޒާރުކުރި މެންބަރުން އެބަތިބި. ފަތުރުވެރިކަމުގެ ސީދާ ނަފާ އެހިސާބުތަކަށް ދިއުމަށް. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުން އެކުރާ އުންމީދުތަކަށް ސީދާ ޖަވާބު ލިބިގެންދާނެ. އައު ސަރުކާރުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އެރޭ އަޅުގަނޑުމެންނަށް ހާމަކުރެވޭވަރުވާނެ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 47 އަހަރު ފުރުން ފާހަގަކުރަމުންދާއިރު މުޅި ރާއްޖެއަށް ފަތުރުވެރިކަން ފެތުރި އެތައް ހާސް އެނދެއް އޮޕަރޭޓް ކުރަމުންދާއިރު ހދ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވެފައި ނެތުމަކީ އެއަތޮޅު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެކެވެ. މިކަމަށް ހައްލެއް ހޯދުމަށް އެ އަތޮޅުގެ ރައްޔިތުން އެތައް ގޮތަކަށް މިކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.