ސިޔާސީ

މަޝްވަރާގެ އުސޫލުން ކަންކަން ހައްލުކުރެއްވުން މުހިންމު- މިނިސްޓަރ


މަގުމައްޗަށް ނިކުމެ، ސިޔާސީ ހަލަބޮލިކަން އުފެއްދުމަށް މަސައްކަތްނުކޮށް، މަޝްވަރާގެ އުސޫލުން ކަންކަން ހައްލުކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް ޓޫރިޒަމް މިނިސްޓަރ އަދި ޕީ.ޕީއެމްގެ ނައިބު ލީޑަރ އަހުމަދު އަދީބް ގޮވާލައްވައިފިއެވެ.ތ. ތިމަރަފުށީ ފުޓްސެލް ދަނޑުހުޅުވުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބް ވިދާޅުވީ، ސަރުކާރުން އެއްވެސް ފަރާތަކަށް ސިޔާސީ ގޮތުން ގޮންޖަހަން ބޭނުންނުވާކަމަށާއި، ސިޔާސީ ޚިޔާލު ތަފާތުވުން ތަކެއްގެ ތެރެއިން ރައްޔިތުންނަށް ނިކަމެތިކަމެއް ލިބެން ބޭނުންނުވާކަމަށެވެ. އަދި ޤައުމުގައި އަމަން ޤާއިމުކުރެވޭނީ މަޝްވަރާގެ މަގު ޚިޔާރުކޮށްގެން ކަމަށާއި، މަގުމައްޗަށް ނުކުމެ، ޝަރުތުތަކެއް ހުށަހެޅުމަކީ ހައްލެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ އަދީބް ވިދާޅުވީ، ކަންކަން ހައްލުކުރެވޭނީ މަޝްވަރާކޮށްގެން ކަމަށާއި، އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމިން ހުޅުއްވާލައްވާފައިވާކަމަށެވެ. އަދި ފުރުސަތުގެ ބޭނުން ހިއްޕަވައި، ސަރުކާރާއެކު މަޝްވަރާއަށް ވަޑައިގަތުމަށް އިދިކޮޅު އެމް.ޑީ.ޕީއަށާއި އަދާލަތު ޕާޓީގެ ލީޑަރުންނަށް މިނިސްޓަރ އަދީބް ގޮވާލެއްވެވިއެވެ.ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވީ، ސިޔާސީ ކޯޅުންތަކުގައި ވަގުތުތައް ދުއްވާލުމުގެ ބަދަލުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ދަނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްކަމަށެވެ. އަދި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް ރާއްޖެއަށް އިޤްތިސާދީގޮތުންނާއި، އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ގެންނެވުމަށް ރައީސް ޔާމިންގެ ކެބިނެޓުންނާއި، ޕީ.ޕީ.އެމްގެ ޕީ.ޖީ ގްރޫޕްގެ މެމްބަރުން އަވަދިނެތި މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ސަރުކާރާއެކު މަޝްވަރާ ކުރެއްވުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަކަށް ހުޅުވާލާފައިވާއިރު، މިހާތަނަށް މި މަޝްވަރާތަކުގައި އެއްވެސް ޝަރުތަކާ ނުލާ ބައިވެރިވެފައިވަނީ ޖުމްހޫރީ ޕާޓީން އެކަންޏެވެ. އެގޮތުން ޖުމްހޫރީ ޕާޓީއާކު މަޝްވަރާގެ ކަންކަން ކުރިއަށް ގެންދަވާނެ ގޮތްތަކެއް ސަރުކާރުން ކަނޑައަޅުއްވާފައިވާއިރު، ޖުމްހޫރީ ޕާޓީއާއެކު ފަށާފައިވާ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން މިއަދު ބޭއްވުމަށް ހަމަޖެއްސުމަށްފަހު ތާރީޚަށް ބަދަލެއް ގެންނަވައި އެހެންދުވަހަކަށް ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.