ޚަބަރު

މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުންކުރެވޭ ގޮތް ހަދަނީ


މެލޭޝީއާގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭ ފަދަ އެބަސްވުމެއްގައި ދެޤައުމުން ސޮއިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ ރާއްޖޭގެ މިނިސްޓަރ އޮފް ޓްރާނސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޯކް ސިއު ފޫކްއެވެ.

ކެނެޑާގެ މޮންޓްރިއާލްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓެއްގައި ސޮއި ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށް އަވަސް މުސްތަޤްބަލެއްގައި މި އެއްބަސްވުމުގައި ސޮއިކުރައްވާނެކަން ހާމަކުރައްވާފައެވެ.

މިއެއްބަސްވުމުގެ ދަށުން މެލެޝިއާގެ ލައިސަންސް ރާއްޖޭގައި ބޭނުން ކުރެވޭއިރު ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ދިވެހި ދަރިވަރުން މެލޭޝިއާގައި ހަދާ އޭވިއޭޝަން ދާއިރާއާ ގުޅުން ހުރި ކޯސްތަކަކީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާ ގުޅޭގޮތުންވެސް ދެ ޤައުމުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި މެލޭޝިއަން އޭވިއޭޝަން އެކަޑަމީގައި އޭޓީސީ ޓްރެއިނިންގެ އިތުރު ފުރުޞަތުތައް ދިވެހިންނަށް ހޯއްދަވައި ދެއްވާނެކަމަށް މެލެޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއާއި އެއްގަމު ދަތުރު ފަތުރާއި ގުޅޭ ގޮތުން އިތުރަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކުރެއްވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.