ޚަބަރު

ޢާއިލީ ޢަދުލުގެ ނިޒާމަށް ގިނަ އިސްލާހްތަކެއް ގެނައުމަށް ހުށައަޅައި، ޖުޑިޝަލް މަހާސިންތާ ނިންމާލައިފި


ރާއްޖޭގައި ޢާއިލާތަކުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ޝަރުޢީ ދާއިރާއިން އިސްނަގައިގެން ބޭއްވި ޢާއިލީ ޢަދުލުގެ ނިޒަމާބެހޭ މަހާސިންތާ ނިމިއްޖެއެވެ.

މި މަހާސިންތާއަކީ މުޅި ޢާއިލީ ޢަދުލު ނިޒާމާގުޅޭގޮތުން އެކި އިދާރާތަކުން އެއްތަނަކަށް އެއްވެ އެނިޒާމްގައި ހުރި މައްސަލަތަކާ ބެހޭގޮތުން ޢިލްމީ ފެންވަރެއްގައި ވާހަކަދައްކައި މަޝްވަރާކުރި ފުރަތަމަ މަހާސިންތާއެވެ.

"ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް"ގެ ނަމުގައި ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމަހާސިންތާއަކީ ޖުޑީޝަލް އެކަޑަމީން ފެމިލީ ކޯޓާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބޭއްވި މަހާސިންތާއެކެވެ. މިމަހާސިންތާގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލު ކުރީ މިއަދު ބަނޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިޔާތުގައެވެ.

މިމަހާސިންތާ ކުރިއަށް ގެންދިއުމުގައި އިދާރީ ގޮތުން އެންމެ އިސްފަރާތެއްގެގޮތުގައި ހަމަ ޖައްސަވާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ޢަލީ ސަމީރެވެ. މިމަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިޔާތުގައި ފަނޑިޔާރު ސަމީރު ވިދާޅުވީ އާއިލާއާބެހޭ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެންނަން ޖެހޭކަމަށް މިމަހާސިންތާގައި ބައިވެރި ހުރިހާ ފަރާތްތަކުންވެސް ގަބޫލުކުރާކަމަށެވެ. އަދި ގާނޫނުތަކެއް ހެދިފައިވީ ނަމަވެސް ގާނޫނުތަކަށް އަހްލުވެރިނުވުމާއި ގާނޫނުތަކާއި ޤަވައިދުތައް ހެދިފައިވީނަމަވެސް އެކަން ކަން ތަންފީޒުކުރުމުގައި ގެންގުޅޭ އިޖްރާއަތްތައް އެއްގޮތް ނުވުމުގެ ސަބަބުންނާއި އެއް އިދާރާ އަނެއް އިދާރާއާ އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް މި މަހާސިންތާގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިމަހާސިންތާގައި ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ބައިވެރިވަޑައިގެން މައުލޫމާތު ހިއްސާ ކުރައްވާފައިވެއެވެ. އެގޮތުން ބަންގްލަދޭޝްގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކާއި ތުރުކީގެ ފަނޑިޔާރެއްކަމަށްވާ ޕާކިސްތާނުގެ ފަނޑިޔާރެއް ހިމެނެއެވެ.

މި މަހާސިންތާގައި އާއިލީ އަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ގާނޫނަށް ގެނަން ޖެހޭ ކަމަށް ފެންނަ އިސްލާހްތަކާ ބެހޭ ކަރުދާސްތައް ހުށައެޅި ކަމާ ގުޅުންހުރި އިދާރާތަކާ ދެމެދު މަޝްވަރާކޮށްފައިވެއެވެ. އެގޮތުން އެ ނިޒާމް ހަރުދަނާ ކުރުމަށް ގެންނަން ފެންނަ ބައެއް އިސްލާހްތައް ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން މި މަހާސިންތާއަށް ހުށައަޅުއްވާފައިވެއެވެ.

އޭގެ ތެރޭގައި ވަރިކޮށްފައި އިންނަ އަންހެން މީހާއަށް އިއްދައިގެ މުއްދަތުގައި އަންހެން މީހާއަށާއި ދަރިންނަށް ޝަރުއީ ހަމަތަކުގެ މަތިން ދޭންޖެހޭ ޚަރަދުގެ މިންވަރު ބޮޑުކުރުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން، ޝަރީޢަތުން ނަގައިދެވޭ ޚަރަދުގެ އެންމެ މަދު އަދި އެންމެ ބޮޑު މިންވަރެއް ކަނޑައަޅައި ޚަރަދު ލެއްވުމާއި ޚަރަދު ތަންފީޛުކުރުމުގެ އިޖުރާއަތުތައް ހަރުދަނާ ކުރުމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހުށަހަޅާފައެވެ.

އަދި ވަރިއާއި ޙަޟާނަތާއި ޚަރަދާގުޅޭ މައްސަލަތައް އެއް ދަޢުވާ ފޯމަކުން ހުށަހަޅައި، އެއްމައްސަލައިގެ ތެރެއިން އެކަންކަމަށް ގޮތެއް ކަނޑައެޅޭނެ ނިޒާމެއް ކޯޓުތަކުގައި ހަމަޖެއްސުމަށްވެސް ހުށައަޅާފައިވެއެވެ. މީގެ އިތުރުން ޢާއިލީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކައިވެނިކޮށްދިނުމާއި ކައިވެނި ރަޖިސްޓަރީކުރުމަށް "ކައިވެނީގެ ރަޖިސްޓްރަރގެ އޮފީސް"ގެ ނަމުގައި އިދާރާއެއް އުފައްދަން ހުށަހަޅާފައިވެއެވެ.

ސަރުކާރުގެ ވުޒާރާއެއްގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނުމަށްހުށަހަޅާ "ކައިވެނީގެ ރަޖިސްޓްރަރގެ އޮފީސް" މެދުވެރިކޮށް، ޝަރުޢީ، މައުޒޫނުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި މައުޒޫނުންގެ ރަޖިސްޓަރީއެއް ބެލެހެއްޓުން ހިމެނުމަށް ވެސް ވަނީ ހުށައަޅުއްވާފައެވެ. އޭގެ ސަބަބުން ކައިވެނީގެ ރަޖިސްޓްރަރގެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ބައިވެރިވުން ހިމެނުމުން، މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ވެސް ކައިވެނި ކުރުމުގެ ޚިދުމަތް ފަސޭހައިން ލިބިގެންދާނެ ކަމަށް އެ ހުށައެޅުމުގައި ބަންޑާރަ ނައިބު އޮފީހުން ފާހަގަ ކުރައްވާފައިވެއެވެ.

މި މަހާސިންތާގައި 116 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ޢައިލީ މައްސަލަތައް ބައްލަވާ ފަނޑިޔާރުންނާއި އެ ފަދަ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލުންނާއި ކަމާ ގުޅުންހުރި އިދާރާތަކުގެ އިތުރުން ބައެއް މަދަނީ ޖަމިއްޔާ ތަކާއި ބަންޑާރަ ނާއިބު އޮފީހުން ބައިވެރިވިއެވެ.