ޚަބަރު

ތިންވަނަ ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި ފެށުމަށް ހަމަޖައްސައި މެމްބަރުންނަށް ވަނީ ޖަލްސާގެ ނޯޓިސްވެސް ފޮނުވާފައެވެ. މަޖިލިސްގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަން ނިންމި ނަމަވެސް އެދުވަހުގެ އެޖެންޑާ އަދި ކަނޑައަޅާފައެއް ނުވެއެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ޖަލްސާތައް ނިންމާލާ ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 05 ވަނަ ދުވަހުއެވެ. މަޖިލިސް ޗުއްޓީއަށްދިޔަ ނަމަވެސް ދައުރުން ބޭރުގައި މަޖިލިސް ބައެއް ކޮމިޓީތަކުން ވަނި މަސައްކަތްކޮށްފައެވެ. އަދި ދައުރުން ބޭރުން 3 ޖަލްސާއެއް ވަނީ ބާއްވާފައެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ދިރާސާކޮށް އެ ބިލް ވަނީ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ފާސްކޮށްފައެވެ.

މަޖިލިސްގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސައްކަތްވެސް މަޖިލިސްގެ ދައުރުން ބޭރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މަރުތަކާއި ބެހޭ ކޮމިޝަނުން އެކުލަވާލައި އާންމުކޮށްފައިވާ ރިލްވާންގެ މަރާއިގުޅޭ ރިޕޯޓް ދިރާސާކޮށް ކޮމިޓީ މަރުހަލާގައި ކުރަންޖެހޭ މަސައްކަތް އެކޮމިޓީން ދަނީ ކުރަމުންނެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ މަސައްކަތްތައް


- 31 ބިލް ހުށައެޅި 14 ބިލެއްގެ މަސައްކަތް ނިމިފައި
- ނުނިމި 17 ބިލެއް
- 21 ޤަރާރެއް ހުށައެޅި 9 ޤަރާރެއް ނިމިފައި
- ނުނިމި 12 ޤަރާރެއް
- ސަރުކާރުގެ ފަރާތުން 15 މައްސަލަ ހުށައެޅުއްވައި، ނިންމެވީ 12 މައްސަލަ
- ރިޔާސަތުން ހުށައެޅުއްވި 22 މައްސަލައެއްގެތެރެއިން 17 މައްސަލަ ނިމި 5 މައްސަލައެއް ނުނިމޭ
- މެންބަރުން ހުށަހެޅުއްވި 9 މައްސަލައެއް ނިމިފައި
- އެހެނިހެން ރިޕޯޓްގެ ގޮތުގައި 39 ރިޕޯޓް ހުށަހަޅައި 34 ރިޕޯޓް ނިމިފައި
- ނުނިމި 5 ރިޕޯޓް
- ވަޒީރުންނާއި 20 ސުވާލުކުރުމަށް ހުށަހަޅައި، 14 ސުވާލެއް ކޮށް ނިންމާފައި

މަޖިލީހުގެ ނިމިދިޔަ ދައުރުގެ މަސައްކަތާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދައުރުގައި މަޖިލީހުން ކުރެވިފައިވާ މަސައްކަތާއި ދޭތެރޭ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ކުރިޔަށްދާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.