ޚަބަރު

ތިޖޫރީ ނުހުޅުވުމުން ވަގުން ފިލައިފި


މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭގައި ހުންނަ ސެކްޝަންގެ ތިޖޫރީ ފަޅާލަން ބަޔަކު ކުރި މަސައްކަތް ކާމިޔާބު ނުވުމުން ތިޖޫރި ދޫކޮށްލުމަށް ފަހު ފިލައިފިއެވެ.

ފުލުހުން ވިދާޅުވީ ރޭ މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭގައި ހުންނަ ސެކްޝަނަށް ބަޔަކު ވަންނަން މަސައްކަތްކޮށްފައިވަނީ އެތަނުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ. އަދި ތިޖޫރީ ހަލާކުކޮށްލުމަށް މަސައްކަތް ކޮށްފައިވީ ނަމަވެސް ވަގުންނަށް ތިޖޫރީ ހުޅުވިފައި ނުވާކަމަށާއި، މިހާތަނަށް ބެލި ބެލުމުން އެ އޮފީހުން އެއްވެސް ފައިސާއެއް އަދި އެހެން އެއްވެސް އެއްޗެއް ވަގަށް ގެންގޮސްފައިވާކަން އެނގިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭގައި ހުންނަ ސެކްޝަންގެ ތިޖޫރީ ފަޅާލުމަށް މަސައްކަތް ކުރި މީހުން ތިޖޫރީ ހުޅުވުމަށް ވަރަށްބޮޑަށް މަސައްކަތް ކޮށްފައިވާކަން ފުލުހުން އާންމުކޮށްފައިވާ ފޮޓޯއިން ފެެނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.