ޚަބަރު

އަލިފާނުގެ ހާދިސާތަކުގައި ސިފައިން ދެއްކި ނަމޫނާއަށް ދުނިޔޭގެ ފެންވަރުގައިވެސް ޝުކުރު ހައްޤު - މިނިސްޓަރ


ސިފައިންގެ އަތުގައި ހުރި މަދު ވަސީލްތަތަކާއެކު ހަނި މަގެއްގައި ހުރި ހ.ތިލަފުށީގޭގައި ރޯވި އަލިފާން ނިންވާލުމުގައި ސިފައިން ދެއްކެވި ނަމޫނާއަކީ ދުނިޔޭގެ ފެންވަރުގައިވެސް ޝުކުރު ހައްޤު މަސައްކަތެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާތަކާއި، އެނޫންވެސް ކާރިސާތަކުގައި ސިފައިން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރައްވައި ސިފައިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ސިފައިންގެ ޙިދުމަތަކީ 24 ގަނޑިއިރު އެއްވެސް ހުއްޓުމެއްނެތި ދެވޭ ޚިދުމަތެއްކަމަށެވެ.

ޙިދުމަތް ދިނުމުގައި ކަނޑުމަތީގައާއި، އެއްގަމުގައިވެސް ހިނގާ ހާދިސާތަކުގައި ސިފައިން ދައްކަވާ ނަމޫނާއަކީ އަބަދުވެސް ޝުކުރުވެރި މަސައްކަތްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަކިން ޙާއްސަކޮށް މާލޭގައި މިފަހުން ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ 2 ހާދިސާ ކޮންޓްރޯލްކުރުމަށް މަދު ވަސީލަތްތަކާއެކު ދަތި ގޮތަކަށް ސިފައިން ހަރަކާތްތެރިވެ ދައްކާފައިވަނީ ނަމޫނާ މަސައްކަތެއްކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެރޭ ހެންވޭރު ތިލަފުށި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދެ ގެއެއް އަނދާހުލިވެ 29 ގޭބިސީއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. އަދި މިހާދިސާގައި އެތައްބަޔަކު ހާލުގައި ޖެހި ގެދޮރު ގެއްލިފައިވެއެވެ.

މިހާދިސާ ހިނގިތާ 10 ވަރަކަށް ދުވަސްފަހުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މާލޭ ޓީޖެޓީ ސަރަހައްދުގައިވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 9 މީހަކަށް އެކި ވަރުގެ އަނިޔާތަކެއްވެ، 7 މީހަކަށް މިހާރުވެސް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މި ދެހާދިސާގައިވެސް ސިފައިންނާއި، ފުލުހުންނާއި، އާންމުންވަނީ އަލިފާން ނިއްވުމުގައި އަވަސް ފިޔަވަޅު ތަކެއް އަޅައި، ނަމޫނާ މަސައްކަތަކެއް ކޮށްފައެވެ.