ޚަބަރު

ދީނާއި ޙިލާފް ރިޕޯޓާއިމެދު އަމަލުކުރާނެ ގޮތްތަކެއް އިލްމުވެރިން ކަނޑައަޅައިފި


ދީނާ ޚިލާފު ރިޕޯޓާމެދު ޢަމަލުކުރާނެ ގޮތްތަކެއް އިލްމުވެރިން ކަނޑައަޅައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިން އިސްނަގައިގެން މިރޭ ބޭއްވި ބައްދަލުވުމުގައި މި ރިޕޯޓުގައި ހުރި ކަންތައްތަކާއިމެދު މަޝްވަރާކޮށް، މިކަމުގައި އަމަލުކުރާނެ ގޮތްކާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މިރޭގެ ބައްދަލުވުމުގައި ނިންމި ކަންކަން ވަރަށް އަވަހަށް ހާމަކުރާނެކަމަށް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅަކު ވަނީ ވިދާޅުވެފައެވެ. އަދި މިބައްދަލުވުމުގައި ދީނީ ވަހުދަތު ނަގަހައްޓައި، ދީނީކަންކަމުގައި އިލްމުވެރިން އެކުގައި މުސްތަޤުބަލުގައިވެސް މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ.

މިބައްދަލުވުގައި ދީނީ ގިނަ އިލްމުވެރިންތަކެއް ބައިވެރިވެވަޑައިގެންފައިވާއިރު، މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ އިސްބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިރޭގެ މިބައްދަލުވުމަކީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން ނެރުނު ރިޕޯޓާއިގުޅިގެން ދީނީ އިލްމުވެރިންނާއި، ސިޔާސީ އިސްބޭފުޅުންނާއި، ގިނަ އާންމު ރައްޔިތުންތަކެއް ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ބާއްވައިފައިވާ ބައްދަލުވުމެކެވެ.