ޚަބަރު

ގިރިފުށީގައި ތަމްރީނު ހަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ


ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ނިޔާވެފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒްކަމަށެވެ. ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއް ހަދާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ޓްރެއިނިންހަދަމުންދިޔަ މީހަކު ކައިރީގައި ބުނެފައިވާކަމަށާއި، އެހެން ބުނިތާ މާގިނަ އިރެއްވަނީސް ގައިން ވަރުދޫވެގެން ވެއްޓިފައިވާކަމަށެވެ.

ރިޔާޒް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ދ.ކުޑަހުވަދޫއަށް އުފަން ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް ސިފައިންގެ ޚިދުމަތާ ގުޅުނީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތުގައި ސްޓާފް ސާޖަންޓް ޢަލީ ރިޔާޒް ހޭދަކުރެއްވި 16 އަހަރާއި 7 މަހާއި 17 ދުވަހުގެ ތެރޭގައި، މިނިވަން ފަންސާހުގެ މެޑަލް، ސާރކް ސަމިޓް މެޑަލް، ސިފައިންގެ ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ އަދި ހުނަރުވެރިކަމުގެ ކުލައާއި އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށް ވެސް ވަނީ ލިބިފައެވެ. އުމުރުން 36 އަހަރުގެ ސްޓާފް ސާޖަންޓް ޢަލީ ރިޔާޒަކީ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒުތަކުގައި ސިފައިން ތަމްރީނު ކުރުމުގައި އެތަކެއް މަސައްކަތްތަކެއް ކުރައްވާފައިވާ މުދައްރިބެކެވެ.

މަރުހޫމް ޢަލީ ރިޔާޒުގެ މޫނު ދެއްކުން މިއަދު 15:30 އާސަހަރާގައި އޮންނާނެއެވެ. އަދި ކަށުނަމާދުކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައި މިރޭގެ އިޝާ ނަމާދަށްފަހުގައެވެ.