ޚަބަރު

ބިދޭސީ މީހާ ކިޑްނެޕްކުރި މައްސަލާގައި 6 މީހަކު ހައްޔަރުކޮށްފި


މާފަންނުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ބިދޭސީ މީހާ ކިޑްނެޕްކުރި މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ބިދޭސީ މިހާ ކިޑްނެޕްކޮށްފައި ބަހައްޓާފައި ހުރީ މާފަންނުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރޭގައިކަމަށެވެ. އަދި ފުލުހުންނަށް މި މައުލޫމާތު ލިބުމާއެކު އެތަނަށް ގޮސް ކިޑްނެޕްކޮށްފައި ހުރި ބިދޭސީ މިހާ ސަލާމަތްކޮށް، 5 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން މިއަދުވެސް އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ 6 މީހުންނަކީވެސް ބަންގްލަދޭޝް މީހުންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 24 އަހަރުގެ 2 މީހަކާއި، 20 އަހަރާއި، 22 އަހަރާއި، 29 އަހަރާއި، 28 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. މިމައްސަލާގައި މިމީހުން ހައްޔަރުކޮށްފައިވާއިރު މިމައްސަލަ ތަހުގީގުކުރަމުންދާތީ މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެ އެ މީހުންނަށް ދެވަނަ ފުރުސަތެއް ދިނުމަށް ސަރުކާރުން ކުރިޔަށްގެންދާ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ރަޖިސްޓްރީވަމުންނެވެ.

ބިދޭސީއަކު ކިޑްނެޕްކުރި މައްސަލައެއް ފުލުހުން ބަލަމުންދާއިރު، މީގެ ހަފްތާއެއް ކުރިންވެސް ބިދޭސީއަކު ކިޑްނެޕްކުރި މައްސަލައެއް ފުލުހުން ދަނީ ތަހުޤީޤްކުރަމުންނެވެ.

ބިދޭސީންގެ މައްސަލަތައް ގިނަވެފައިވާއިރު، ސަރުކާރުން ދަނީ އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުއްދަ ނެތި އުޅެމުން އަންނަ ބިދޭސީންނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީންނާއި، ކާކުކަން އަންގައިދޭ ސައްޙަ ލިޔެކިޔުން ނެތް ބިދޭސީންނަށް އަލުންވަނީ ގަވައިދާއި އެއްގޮތަށް ރެޖިސްޓްރީވެގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދީފައެވެ.

ރެޖިސްޓްރީ ކުރުމުގެ ކަންކަން ހަމަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މިފަދަ މައްސަލަތައް 1 އަހަރު ތެރޭގައި އެއްކޮށް ޙައްލުކުރުމެވެ.