ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ޤާނޫނެއް ހަދަނީ


އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި އިސްލާމިކް މިނިސްޓަރު އެކަން ހާމަ ކުރެއްވީ ދީނީ އިލްމްވެރިންނާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ ދީނަށް ފުރައްސާރަކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާ ދިއުމުގެ މައްސަލަތައް ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މަސައްކަތް ކުރާނެ ދީނީ އިލްމުވެރިންގެ ޖަމްޢިއްޔާއެއް އުފެއްދުމަށްވެސް ނިންމަވާފައެވެ.

ގާތްގަޑަކަށް ތިން ގަޑިއިރެއްހާ އިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ދީނީ އިލްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ލިބެމުންދާ އިންޒާރުތައް އިލްމުވެރިންވަނީ އިސްލާމިކް މިނިސްޓަރާއި ހިއްސާކޮށްފައެވެ. އަދި ރާއްޖޭގައި ފަހަކަށް އައިސް ދީނަށް ފުރައްސާރަކުރުމާއި ދީނުގެ ނަމުގައި ހައްދު ފަހަނައަޅާ ދިއުން އިތުރުވަމުން އަންނާތީ އެކަން ހައްލުކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ މަޝްވަރާކޮށްފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒާހިރު ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވާފައި މިވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާއަށް ހަޖޫޖަހާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލައި ގިނަބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.

"މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާތީ، ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދިވެހިރައްޔިތުންދަނީ އެކަން ކުށްވެރިކޮށް އެކަން ކުރި ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށް ގޮވާލަމުންނެވެ. އަދި "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އުވާލުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކުން ނެރެފައިވާ ރިޕޯޓްގައި މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސްލުތަކާއި ޙިލާފް އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާތީ އެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓަރީންވަނީ ފުލުހުންނަށް ހުށައަޅާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުނާއި އާއްމުން ދަނީ އެ ރިޕޯޓްކުށްވެރިކޮށް އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލަމުންނެވެ. އިސްލާމިކް މިނިސްޓްރީން ހުށައެޅި މައްސަލަ ލިބުނުކަން ޔަގީންކޮށްދިނުމުގެ އިތުރުން މި މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.