ޚަބަރު

ސިޔާސީ ހަތިޔާރަކަށް އިސްލާމް ދީން ބޭނުން ކުރުމަކީ އެންމެ ބޮޑު ފުރައްސާރަކުރުން: ނަޝީދު


ސިޔާސީ ފުރުޞަތުތައް ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރަކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދަ މޭރުމަކުން މި ރޭ ޓްވީޓް ކުރައްވާފައި މި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށް ހަޖޫޖަހާ، ނެރުނު ރިޕޯޓަކަށް އާންމުންނާއި އިލްމްވެރިން ކަންބޮޑުންވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ރައީސް ނަޝީދުގެ ޓްވީޓުގައި އެ ރިޕޯޓާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައިއެއްނުވެއެވެ. އެކަމު އިސްލާމްދީނަކީ އެންމެ ފުރިހަމަ އެންމެ މާތް އަދި އެންމެ ތަހްޒީބީ ދީން ކަމަށް ރައީސް ނަޝީދު ކުރެއްވި ޓުވީޓްގައި ވަނީ ވިދާޅުވެފައެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކުން ނެރެފައިވާ ރިޕޯޓްގައި މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސްލުތަކާއި ޙިލާފް އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާތީ އެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓަރީންވަނީ ފުލުހުންނަށް ހުށައަޅާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުނާއި އާއްމުން ދަނީ އެ ރިޕޯޓްކުށްވެރިކޮށް އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލަމުންނެވެ.