ޚަބަރު

އަރުހަމްގެ މަރުގެ މައްސަލާގައި ޢަދުލުވެރިކަން ގެއްލިފައިވާ މީހުން ހެކިބަސްދިން - ވަކީލް


ތޫނު އެއްޗަކުން ހަމަލާދީ ހއ.ހޯރަފުށީ ނޫރީގޭ، މުޙައްމަދު އަރުހަމް މަރާލުމުގެ ކުށުގެ ދައުވާ ސާބިތުނުވި ތިން މީހުންނާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސް ދިން މީހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށާ އެހެންކަމުން އެމީހުންގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެކަމަށް އެމީހުންގެ ދިފާޢީ ވަކީލު ހައިކޯޓުގައި ވިދާޅުވެއްޖެއެވެ.

އަރުހަމް މަރާލުމުގެ ދައުވާ ކުރުމުން ކްރިމިނަލް ކޯޓުން ސަލާމަތްވެފައިވަނީ މުޙައްމަދު ސުފްޔާނާއި މަންސޫރު ޔޫސުފާއި އާތިފް ރަޝީދެވެ. ކުށް ސާބިތުވެ މަރުގެ ހުކުމް އައިސްފައިވަނީ މުޙައްމަދު ވިސާމްގެ މައްޗަށެވެ. ސުފްޔާނާއި މަންސޫރާއި އާތިފްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅި ޙުކުމް ބާޠިލްކޮށް އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅަން ދައުލަތުން ހުށައެޅި މައްސަލައިގައި އެތިން މީހުންގެ ވަކީލް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދިފާއުކުރައްވައި ހައިކޯޓުގައި ވާހަކަފުޅު ދައްކާފައެވެ.

ވަކީލް ޢަލީ ޝާހް ވިދާޅުވީ އެމައްސަލައަކީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވާން ޖެހޭ ބާވާތުގެ މައްސަލައަކަށްވާއިރު އެމައްސަލާގައި ހެކިންގެ ފުށުއެރުންތަކެއް ހުރި ކަމަށެވެ.
ދަށު ކޯޓުގައި ދައުލަތުން ހުށައެޅި ހެކިންނަށް ނުފޫޒު ފޯރުވާފައިވާކަން އެނގޭކަމަށާ ހެކިބަސްދިން ބައެއް މީހުންނަކީ ޢަދުލުވެރިކަން ގެއްލިފައިވާ މީހުން ކަމަށްވެސް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓައިދޭން އެދި ވަކީލު ވިދާޅުވެފައިވެއެވެ.

އަދި އަރްހަމް މަރާލިރޭ ފުލުހުންނަށް ރިޕޯޓްކުރި ކަމަށްބުނެ ދަށު ކޯޓުގައި މީހަކު ދޮގު ހެދިކަން ފުލުހުންގެ ބަޔާނުން އެނގޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އެމައްސަލަ ތަހްގީގު ފުރިހަމަވެފައިވާ މައްސަލަ އެއްނޫން ކަމަށް ވަކީލު ފާހަގަ ކުރެއްވިއެވެ. ދައުލަތުން ހުށައެޅި އިސްތިއުނާފުގެ މި މައްސަލައާ ގުޅިގެން ރައްދުގައި ދެއްކި ވާހަކަތަކާ ގުޅިގެން ރައްދު ދިނުމަށް ދައުލަތުންވަނީ އިތުރު ފުރުސަތަކަށް އެދިވަޑައިގެންފައެވެ.