ޚަބަރު

އަބޫ ހަނީފް ޑީޕޯޓްކުރި މައްސަލާގައި ފުލުހުންނާއި އިމިގްރޭޝަން މަޖިލީހަށް ކުރަނީ


އަބޫ ހަނީފް ޑީޕޯޓްކޮށްލި މައްސަލައިގައާއި ޤަވާއިދާއި ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލާގައި ފުލުހުންނާއި އިމިގްރޭޝަން ކޮންޓްރޯލާ ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޤަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، އެމީހުން ހިންގާ ޤާނޫނާއި ޤަވާއިދާއި ޙިލާފް ކަންކަމާއި ގުޅޭގޮތުން ކޮމިޓީގައި ވަނީ މަޝްވަރާ ކޮށްފައެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އިމިގްރޭޝަނުން ދެ ބިދޭސީއަކު ޑިޕޯޓު ކުރި މައްސަލަ ކޮމިޓީން ބަލަން ޖެހޭ ކަމަށެވެ. އަދި މިމައްސަލައަކީ ނުބަލައި ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސްކަން ބޮޑު މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލާގައި ފުލުހުންނާއި އިމިގްރޭޝަންގެ އިސްވެރިން ހާޒިރުކުމަށް އުޝާމް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަނެ، ކޮމިޓީންވަނީ މި މަހުގެ 15 ވަނަ ދުވަހު، އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ.

ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގައި، މަނީ ލޯންޑަ ކުރަމުންދިޔަ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް ޑިޕޯޓް ކޮށްލި ބަންގްލަދޭޝްގެ އަބޫ ހަނީފްގެ ނެޓްވޯކުން ރާއްޖެ އިން ބޭރުކުރަން އުޅުނު 2.5 މިލިޔަން ރުފިޔާ ކަސްޓަމުންވަނީ ހިފައްހައްޓާފައެވެ. ހަނީފާއި އޭނާގެ ނެޓްވޯކާއި ގުޅުންހުރި 2 ވިޔަފާރިއެއްގެ ރަޖިސްޓްރީވެސް އިމިގްރޭޝަނުން ވަގުތީގޮތުން ވަނީ ހިފަހައްޓާފައެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި ގާނޫނަށް ފެއްތުމާއި ޑީޕޯޓް ކުރަންޖެހޭނަމަ އެކަންކަން ކުރުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. އެ އޮޕަރޭޝަންގެ ތެރެއިން ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓް ކުރުމާއި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އައި ބަންގްލަދޭޝްގެ މީހަކު ވެސް ވަނީ ޑީޕޯޓް ކޮށްލާފައެވެ.

ބިދޭސީން ޤަވާއިދަށް ފެއްތުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ގަލޮޅު ދަނޑުގައި ކުރިޔަށްގެންދާ ރަޖިސްޓްރީކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އިއްޔެ އެކަނިވެސް 3265 ބިދޭސީންނަށް ވަނީ ރަޖިސްޓްރީވުމަށްޓަކައި ނަންބަރު ދޫކޮށްފައެވެ.