ޚަބަރު

ކުރީގެ ރައީސުން ދައުލަތުގެ އެހެން މަޤާމެއްފުރާނަމަ އެއް އިނާޔަތް އިޙްތިޔާރުކުރުމަށް ހުށަހަޅައިފި


ރައީސްކަން ކުރެއްވި ބޭފުޅަކު ދައުލަތުގެ މަޤާމެއް އަދާކުރައްވާނަމަ، ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި، މަގާމުގެ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން ކޮންމެސް އެއް ޢިނާޔަތެއް އިޚްތިޔާރުކުރާގޮތަށް ޤަނޫނަށް އިސްލާޙު ހުށަހަޅައިފިއެވެ.

ކުރީގެ ރައީސުންނަށް ދޭން ޖެހޭ ރައްކާތެރި ކަމާއި ޢިނާޔަތުގެ ޤާނޫނަށް މިއިސްލާޙު ހުށަހެޅުއްވީ، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއެވެ.
އިސްލާހު ހުށަހަޅުއްވައި ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ ރައީސުން ޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ދައުލަތުގެ އެހެން މަޤާމެއް އަދާކުރައްވަމުންދާނަމަ ދައުލަތުން ކަނޑައަޅާފައިވާ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާޔަތާއި، ފަހުން އަދާކުރަވާ މަޤާމުގެ އިނާޔަތްތަކުގެ ތެރެއިން ކޮންމެވެސް އެއްއިނާޔަތެއް ލިބޭގޮތަށް ބަދަލުކުރަންޖެހޭކަމަށެވެ. އަދި މިކަން ކުރުމުގެ ފުރުސަތު ރައީސްކަން ކުރެއްވި ބޭފުޅުނަށް ދެއްވައި، އިޙްތިޔާރު ކުރަންވީ ކޮން އިނާތެއްތޯ ނިންމެވުމުގެ ފުރުސަތު ރައީސްކަން ކުރެއްވި ބޭފުޅަކަށް ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

އީސަގެ ހުށަހެޅުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ތާއީދުކުރައްވާފައެވެ. ސަޢީދު ވިދާޅުވީ މިގެނެވޭ އިސްލާހަކީ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅަކު ކޮންމެވެސް ހާލަތެއްގައި ދައުލަތުގެ އެހެންވެސް މަޤާމަކަށް އައިސްފާނެކަމަށްބަލައި ދައުލަތުގެ އަމްދަނީއާއި ޚަރަދުތަކާއި އެކަށީގެންވާ ގޮތަކަށް ޢިނާޔަތް ދިނުމުގެ ބޭނުމުގައި ކުރެވޭކަމެއްކަމަށެވެ.
ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދައުލަތުގެ މަޤާމެއްގައި މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނު މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވުމަށްފަހު މަޖިލީހުގެ ރިޔާސަތާ ޙަވާލުވެ ވަޑައިގެން ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހަތްދިހަ ފަސް ހާސް ރުފިޔާއާއި އެކޮމޮޑޭޝަން އިނާޔަތުގެ ދިހަ ހާސް ރުފިޔާ ނުނަންގަވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާބެހޭ ގާނޫނަށް މިހާރު ހުށައަޅާފައިވާ އިސްލާހަކީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސްކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ، އޭނާ އާއި އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާހުކުރުމަށެވެ.