ޚަބަރު

އާސިފް ޚާން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ނުކުރުމުން ދޫކޮށްލަން ޖެހިއްޖެ


ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ޤައުމީ ކްރިކެޓް ޓީމްގެ ހެޑް ކޯޗު އާސިފް ޚާން 24 ގަޑިއިރުވީއިރުވެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައި ނުވާތީ ބަންދާމެދު ގޮތެއް ނުނިންމައި ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު މެންދުރު ކޯޓަށް ހާޒިރުކުރި ކަމަށެވެ. އެހެންނަމަވެސް ކޯޓަށް ހާޒިރު ކުރެވުނީ ބަންދުގައި ހުންނަތާ 24 ގަޑިއިރުވީފަހުންކަމުން އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެން ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހުގެ ހެނދުނު 8:20 ހާއިރު ހައްޔަރުކުރި އާސިފް ޚާންގެ ބަންދަށް އާދިއްތަ ދުވަހުގެ ހެނދުނު 8:20 ހާއިރަށް 24 ގަޑިއިރު ހަމަވިއިރު، އޭނާ ކޯޓަށް ހާޒިރު ނުކުރެވުނީ ކީއްވެގެންކަން ފުލުހުން ވިދާޅެއްނުވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެކަން ދިމާވި ގޮތް އިދާރީ ގޮތުންބަލާ އެކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ކުރަމުންދާ ކަމަށެވެ.

އާސިފް ޚާން ފުލުހުންގެ ބަންދުން ދޫކޮށްލަން ޖެހުނު ނަމަވެސް އޭނާގެ ޕާސްޕޯޓް 30 ދުވަހަށް ވަނީ ހިފަހައްޓާފައެވެ. އަދި އޭނާގެ މައްޗަށް ތުހްމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވެފައިވާގޮތުން އޭނާ 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހްމަތުކުރެވެއެވެ.