ޚަބަރު

އަލީ ހަމީދުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ


ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވެއްޖެއެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގައި ޢަލީ ހަމީދުގެ މައްޗަށް އިއްވާފައިވަނީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

ޢަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވީ މިދިޔަ މަހުއެވެ. އެހެންނަމަވެސް ޢަލީ ހަމީދު މިނިވަންވި ދުވަހެއް ކަރެކްޝަނަކުން ހާމައެއް ނުކުރައްވައެވެ. ޢަލީ ހަމީދުގެ މައްޗަށް އިއްވި ހުކުމްގެ އެއްބައި ތަންފީޒު ކޮށްފައި ވަނީ ޖަލުގައެވެ. އަދި ފަހުން ގޭ ބަންދަށް ބަދަލުކުރުމުން ހުކުމްގެ ބާކީ ބައި ތަންފީޒުކޮށްފައިވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގައި ދަށުކޯޓުން ޢަލީ ހަމީދުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. ޢަލީ ހަމީދަށް އިއްވި ހުކުމާއެކު އޭރު ހުންނެވި ފަނޑިޔާރުކަމުގެ މަޤާމު ގެއްލި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލުވެގެންދިޔައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ޢަލީ ހަމީދު ގެންދެވުމަށްފަހު ފޯނު ދޭން ފުލުހުން އެދުމުން ފޯނު ނުދެއްވި މައްސަލައިގައި ވެސް ޢަލީ ހަމީދަށް ޖަލު ހުކުމެއް އައެވެ. ދައުލަތުން އުފުލި އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ އެ ދައުވާ ސާބިތު އެ މައްސަލާގައިވެސް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ޙުކުމް ހައިކޯޓުން ވަނީ ބާޠިލްކޮށްފައެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ޢަލީ ހަމީދުއާއެކު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދަށްވެސް ޖަލު ހުކުމް އައެވެ. ނަމަވެސް އަބްދުﷲ ސައީދަށް އޭގެ އިތުރުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވާތީ މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ އެ ހުކުމެވެ. އެ ހުކުމް ޢަބްދުﷲ ސަޢީދުގެ މައްޗަށް އިއްވީ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން، އެކޯޓުގެ މުވައްޒަފުންނަށް އެންގެވި ކަމަށް ބުނެ އުފުލި ދައުވާ ސާބިތުވެގެންނެވެ. އަބްދުﷲ ސައީދުވެސް މިހާރު ހުންނެވީ ގޭ ބަންދުގައެވެ.