ޚަބަރު

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހަކު ދޫކޮށްލަން ކުރި އަމުރު ބާޠިލް!


ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރެއް ބާޠިލްކޮށްފިއެވެ.

ހައިކޯޓުން ބާޠިލްކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރުމުގެ ތުހުމަތާ ގުޅިގެން މ.މުލި، ދިރާސާގެ އަޙްމަދު އަފްރާޙް ބަންދުން ދޫކޮށްލަން މިދިޔަ މަހުގެ 31ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެވެ. މިދިޔަ އޭޕްރީލް މަހުގެ 31ވަނަ ދުވަހު އަފްރާހް ހައްޔަރުކޮށް ފުލުހުން ކޯޓުގައި އެދުނީ ރިމާންޑް ޖަލެއްގައި ހަތް ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށެވެ. ނަމަވެސް އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ބަލި ޙާލަތަށް ރިއާތްކޮށް ކަމަށް ބުނެއެެވެ.

ކޯޓުގެ އެނިންމުން ބާޠިލްކުރުމަށް ހައިކޯޓަށް ދައުލަތުން ހުށައެޅުމުން ހައިކޯޓުން ފާހަގަ ކޮށްފައިވަނީ އަޙްމަދު އަފްރާޙްގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރުމުގެ ކުށްކަމަށްވާއިރު އެ ކުށަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ
ކުށެއްކަމެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލެއްކަމަށް ސުޕްރީމް ކޯޓު ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމަށްވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

އަފްރާހްގެ މައްޗަށް ތުހުމަތުއުފެދޭ މިންވަރަށް ހެކި ޤަރީނާ ހުށަހެޅިފައިވާކަން އެނގެން އޮންނަކަމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުޞޫލުތަކަށް ބަލާއިރު، އަފްރާޙް ބަންދުގައި ބަހައްޓަންޖެހޭނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ނުފޯރުވޭނެފަދަ ތަނެއްގައިކަން މިމައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.

އެހެން ކަމުން ހައިކޯޓުން އެ އަމުރު ބާތިލް ކުރުމަށްފަހު ނިންމާފައިވަނީ އޭނާގެ މައްޗަށް ތުހްމަތު ކުރެވޭ ކުށުގައި އުފުލި ދައުވާގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާތީ އެމައްސަލަ ކުރިއަށްދާއިރު އަލުން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓަށް ހުށައެޅިދާނެއެވެ. އަދި އެގޮތައް ހުށައަޅައިފި ނަމަ ހައިކޯޓުން ފާހަގަ ކުރައްވާފައިވާ ނުކުތާތަކަށް ރިޔާއަތްކުރަންވާނެކަމަށް ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކުރައްވާފައިވެއެވެ.