ޚަބަރު

އީސީއަށް އައްޔަންކުރަން ފޮނުވި ނަންތަކަށް އާއްމުންގެ ޙިޔާލަށް ހުޅުވާލައިފި


އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 4 ނަންފުޅަށް އާންމުންގެ ޙިޔާލު ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

އިލެކްޝަނަސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން 10 ބޭފުޅަކުވަނީ ކުރިމަތި ލައްވާފައެވެ.

މި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަންދެއްވި ހަތަރު ބޭފުޅުންނަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދާ ތައުފީޤާއި، އެކޮމިޝަނުގެ މިހާރުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާއާއި، ހަސަން ނާޒިމާއި މަރިޔަމް ހަނީފާ ޙާލިދުއެވެ. މި ނަންފުޅުތަކަށް އާއްމުންގެ ޙިޔާލަށް ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެ ވި ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްތަފާގެ މެމްބަރުކަމުގެ ދައުރު އަންނަ މަހުގެ 24 ވަނަދުވަހު ހަމަވާތީއެވެ.

އީސީއަށް އައްޔަންކުރެއްވުމަށް ފޮނުއްވެވި ނަންފުޅުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާފައިވާ ފުއާދު ތައުފީޤަކީ އެކޮމިޝަންގައި ރައީސްކަން ކުރައްވާފައިވާ އަދި ގިނަދުވަސްތަކެއް ވަންދެން އެކޮމިޝަނުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅާ ފުއާދު ތައުފީގުގެ މައްޗަށް ވަނީ 2014ވަނަ އަހަރު 6 މަސް ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމްކޯޓުން އިއްވާފައެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ.