ޚަބަރު

އެމްޑީއެން އުވާލުމަކީ ހައްލެއްނޫން، އެ ޖަމްޢިއްޔާގެ އިސްވެރިންނާމެދު ފިޔަވަޅުއަޅަންޖެހޭ - އިދިކޮޅު މެންބަރުން


މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަކީ ހައްލެއް ނޫންކަމަށާއި، އެ ޖަމްޢިއްޔާގެ އިސްކޮށްތިބި ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭކަމަށް މަޖިލީހުގައިތިބި އިިކޮޅު މެމްބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިއާމް ވިދާޅުވީ، އިސްލާމްދީނާއި، މާތް ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓަކީ އެމްޑީއެންގެ އިސްވެރިން ޒިންމާއުފުލަންޖެހޭ ރިޕޯޓެއްކަމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ އެމްޑީއެންގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތައް އެ ޖަމްއިއްޔާއިން ވަކިވެ ޤައުމު ދޫކޮށްދާ މަންޒަރުކަމަށެވެ. އަދި އެ ޖަމްޢިއްޔާގެ އިސްބޭފުޅުން ދައުލަތުގެ އިސްމަޤާމުތަކުގައި ތިބިކަމީވެސް ކަންބޮޑުވާކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު ވަނީ ސަރުކާރުން މި ރިޕޯޓް ނެރެފައިވާ ތާރީޙް އޮޅުވާލަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ދީނާއި ޙިލާފް ވާހަކަތަކާއި، ކަންކަން ހިމެނޭ ގޮތަށް ރިޕޯޓް ތައްޔާރުކޮށް ނެރެފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށެވެ.

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވީ ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަމުންދަނީ އަމިއްލަ ފައިދާއާއި، މަންފާއަށް ބެލުމަށްފަހުގައިކަމަށެވެ. އެގޮތުން ގެއްލުމުގެ ބަދަލުގެ ނަމުގައި ސަރުކާރުން ދޫކުރަމުންދާ ފައިސާތަކަކީ އެއްވެސް ހަމައެއް ނެތި ވަކި ބަޔަކަށް މަންފާ ހޯދަން ދޭ ފައިސާތަކެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިއަދު ފެނިގެންދަނީ އުސޫލުތަކާއި ޙިލާފަށް ކަންކަން ކުރެވެމުންދާ މަންޒަރުކަމަށެވެ. އަދި މިއަދު މަޖިލިސްގެ މަސައްކަތްތައް ކުރެވޭ ގޮތުން ބަރުލަމާނީ ނިޒާމެއްގެ ސިފަ ވަރަށްބޮޑަށް ދައުލަތުގެ ތެރެެއިން ފެންނަމުންދާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.