ޚަބަރު

އިސްލާމީ މަރުކަޒު ފޮޅާ ސާފުކުރުމަށް އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން ނުކުމެއްޖެ


އިސްލާމީ މަރުކަޒުގައި މަސައްކަތްކުރާ މަސައްކަތު މީހުންނަށް ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތުދީ އެމީހުން ކުރަމުންދިޔަ މަސައްކަތްކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން ނުކުމެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި އިދާރީ މުވައްޒަފުން އިސްލާމީ މަރުކަޒު ފޮޅާ ސާފުކުރުމަށް ނުކުމެފައި މިވަނީ އިސްލާމިކް މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބުން މަސައްކަތު މީހުންނަށް މަޢުލޫމާތާއި ތަމްރީން ދިނުމަށްޓަކައި ބާއްވާ އެއްދުވަހުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެގޮތަށް ނިންމަން ޖެހުނީ މަސައްކަތު މީހުންނަށް ތަމްރީން ދިނުމަށްޓަކައި ފޮނުވި ނަމަވެސް އެމީހުން ކުރަމުންދާ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެހެން ކަންކަން އިންތިޒާމްކުރަން ޖެހޭތީ، މިނިސްޓްރީގެ ވެރިންގެ މެދުގައި މަޝްވަރާކުރުމަށްފަހު ފެނުނު އެންމެ ރަނގަޅު ގޮތަކީ މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން އެ މަސައްކަތަށް ނުކުތުން ކަމަށް ވުމުންކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އިސްލާމީ މަރުކަޒު ފޮޅާ ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުންފަދަ މަސައްކަތުމީހުން ކުރަމުން އައި މަސައްކަތް 24 ގަޑިއިރުވަންދެން ޑިއުޓީ ބަހައިގެން މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދާނެ ކަމަށެވެ. މި މަސައްކަތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރުއާއި މިނިސްޓްރީގެ ހުރިހާ މުވައްޒަފުންވެސް ދަނީ ބައިވެރިވަމުންނެވެ.

އިސްލާމީ މަރުކަޒު ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން މިއަދު ހެނދުނު 7:30 އިން 4:00 އަށް އިސްލާމީ މަރުކަޒުގައި މަސައްކަތު ބައްދަލުވުމެއް ވަނީ ފަށާފައެވެ. އަދި އެމީހުން ކުރާ މަސައްކަތް މިރޭ 12:00 ވަންދެން ކުރަމުންދާނީ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނެވެ.

އިސްލާމީ މަރުކަޒުގެ މަސައްކަތު މީހުންނާއި ސެކިއުރިޓީ މުވައްޒަފުން ހިމެނޭހެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި 35 މުވައްޒަފުން ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ފުރަތަމަ އެހީއާއި ސިއްޙީ މުހިންމި މަޢުލޫމާތުގެ އިތުރުން މީހުންނާއި މުޢާމަލާތް ކުރާނެ ގޮތްތައް ކިޔާދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނސްޓްރީން ވިދާޅުވެއެވެ.

އިސްލާމީ މަރުކަޒަކީ ކޮންމެ ދުވަހަކު ފޮޅާ ސާފުކުރަމުންދާތަނެކެވެ. މިތަން ސާފުކުރުމުގެ ބުރަ މަސައްކަޔް ކުރަމުންދާ ފަރާތްތަކަށް ގިނަފަހަރު މިފަދަ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބެއެވެ. އެހެންނަމަވެސް މިގޮތަށް އެފަރާތްތަކަށް ކިޔެވުމާއި ތަމްރީން ހާސިލްކުރުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ އެމީހުންގެ ކުރިމަގަށްވެސް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެއެވެ.