ޚަބަރު

70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަޙްޤީޤުގައި އިންޓަޕޯލްގެ ޓީމެއް ހަރަކާތްތެރިވަނީ


މަސްތުވާތަކެތި ޓްރެފިކް ކުރަންއުޅެނިކޮށް ހިފެހެއްޓި ބޭރުގެ ބޯޓުގެ މައްސަލަ ތަޙްޤީޤު ކުރުމަށް ދިވެހި ފުލުުންނާއެކު އިންޓަރޕޯލްގެ ޓީމަކުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަ ތަހްގީގުކުރަމުން އަންނަ ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޓީމާއެކު އިންޓަޕޯލްގެ އިންސިޑެންޓް ރެސްޕޮންސް ޓީމަކުން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

މަސްތުވަތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް ބޭރުގެ ބޯޓަކާއި ރާއްޖޭގެ ދޯންޏެއް ހިފަހައްޓާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެ މައްސަލަގައި 13 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު ކްރިމިނަލް ކޯޓުން އެމީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މިމައްސަލާގައި ހިފެހެއްޓި ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް ހިފެހެއްޓި މި ބޯޓަކީ އީރާނުގެ ދިދައެއް ޖަހައިގެން ދުއްވަމުންދިޔަ ބޯޓެއް ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓެއްކަން ކަށަވަރު ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.