ސިޔާސީ

ސަރުކާރުން ކަންބޮޑުބުން ފާޅުކޮށް އެމްޑީޕީއާއި އަދާލަތަށް ސިޓީއެއް


އެމް ޑީ ޕީ އާއި އަދާލަތު ޕާޓީއާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން ހުށައެޅުމުން އެ ޕާޓީތަކުން އެކަމަށް ފުރިހަމައަށް އިޖާބަ ދޭތަން ނުފެންނާތީ، އެކަމުގައި ސަރުކާރުގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށް އެ ދެ ޕާޓީއަށް ރައީސުލްޖުމްހޫރިއްޔާގެ  އޮފީހުން ސިޓީ ފޮނުއްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވިދާޅުވެއްޖެއެވެ.ޕީ އެސް އެމާ ވާހަކަފުޅު ދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ސަރުކާރުން ފޮނުއްވާފައިވަނީ،  މަޝްވަރާތަކަށް އެ ޕާޓީތަކުން ހުށައެޅި ނަންތަކުގައި މަޝްވަރާގައި ބައިވެރި ނުވެވޭ ބައެއް ފަރާތްތައް ތިބުމުން، މަޝްވަރާ ކުރިއަށް ނުގެންދެވޭތީ އެކަމާއި  ގުޅޭ ގޮތުން ކަމަށެވެ.މަޝްވަރާތަކަށް އެ ދެޕާޓީން އިޖާބަ ދޭތަން ނުފެންނަ ކަމަށާއި، މަޝްވަރާ ކުރުމަށް އަދިވެސް ސަރުކާރުން ތައްޔާރަށް އޮތްކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާނޭ ކަމަށް މުއާޒް ވިދާޅުވިއެވެ.ސަރުކާރާއި މަޝްވަރާކުރުމަށް އެމް ޑީ ޕީން ހުށައެޅި ނަންތަކުގެ ތެރޭގައި ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އެމް ޑީ ޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމަނާފައިވެއެވެ. އަދި އަދާލަތު ޕާޓީން ފޮނުވާފައިވާ ލިސްޓްގައި، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ  ހިމެނެއެވެ.އެމް ޑީ ޕީ އާއި އަދާލަތުން ބުނެފައިވަނީ އެ ދެބޭފުޅުން ބައިވެރިނުވާނަމަ ސަރުކާރާއެކު މަޝްވަރާ ނުކުރާނެ ކަމަށެވެ.ސަރުކާރުން ބުނެފައިވަނީ ޝަރުއީ މަރުހަލާގައި ތިބި  ބޭފުޅުންތަކެއް ބައިވެރިކޮށްގެން މަޝްވަރާ ކުރުމަކީ ސަރުކާރަށް  ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެއީ ޝަރީއަތުގައި ހިމެނޭ މައްސަލަތަކަށް ވަނުމަށް ސަރުކާރުން ބޭނުން ނުވާތީ ކަމަށް ސަރުކާރުން ބުނެއެވެ.ޖުމްހޫރީ ޕާޓީއާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ދެވަނަ ބުރު މިދިޔަ އަންގާރަ ދުވަހު ބާއްވާފައިވާ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.