ޚަބަރު

މެލޭޝިޔާގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ފަށައިފި


ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ "މެރަނާ" ސްކީމްގެ ޚިދުމަތް މެލާޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދޭން ފަށައިފިއެވެ. މި ޚިދުމަތް މީގެ ކުރިން ވަނީ ސްރީލަންކާއާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ލިބޭނެ ގޮތް ހަމަޖައްސާދީފައެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ މި ސްކީމްގެ ދަށުން ކޮންމެ ބައިވެރިއަކަށް ޖުމްލަ ކަވަރޭޖް ގޮތުގައި އަހަރަކު ސަތޭކަ ފަންސާސް ހާސް ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެނދުމަތި ނުކޮށް ހޯދާ ކޮންމެ ޚިދުމަތްތަކުގެ މިންވަރަކީ ޖުމްލަ ކަވަރޭޖްގެ ތެރެއިން އަހަރަކު ދިހަހާސް ރުފިޔާ ކަމަށާއި އެނދުމަތިކޮށްގެން ދެވޭ ޚިދުމަތުގެ މިންވަރަކީ އެނދުމަތި ނުކޮށް ހޯދާ ކޮންމެ ޚިދުމަތްތަކުގެ ކަވަރޭޖް ހިމަނައިގެން ޖުމްލަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ކަމަށެވެ.

އާސަންދައިން ވިދާޅުވީ މެލޭޝިޔާގެ ހިދުމަތާއި އެކު އިންޑިއާ އަދި ސްރީލަންކާ ހިމެނޭހެން ބޭސްފަރުވާގެ ބިލްތަކުގެ ޖުމްލަ އަދަދުގެ ތެރެއިން ސްކީމުން ޚަރަދުކުރާ މިންވަރު 65 އިންސައްތަ އަށް އިތުރުކޮށްފައިވާކަމަށެވެ.

މެލޭޝިއާގައި "ކޭޝްލެސް" ޙިދުމަތް ހަމަޖައްސާފައި ނުވިނަމަވެސް މި ސްކީމްގައި ރަޖިސްޓްރީވެފައިވާ މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ޚިދުމަތް ލިބިގަތުމަށްފަހު ފޯމް ފުރިހަމަ ކުރުމަށްފަހު ޚިދުމަތް ހޯދި ބިލްތަކުގެ ކޮޕީއާއެކު ފޯމް ހުށައެޅުމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ. އަދި މި ބަދަލާއެކު ސްކީމްގެ ތެރެއިން ކަވަރުކުރާ ޚިދުމަތްތަކުގެ އަގުގެ 65 އިންސައްތަ ބަލިމީހާއަށް ލިބޭނެ ކަމަށްވެސް އާސަންދަ ކުންފުނިން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ދަށުން ލުއި ފަސޭހަގޮތެއްގައި ސިއްޙީ ޚިދުމަތް ލިބިދިނުމުގެ ގޮތުން "މެރަނާ" ސްކީމް ތަޢާރަފްކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
މި ސްކީމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެކިކަންކަމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅުގެ ދަށުން ހަމަޖެއްސާފައިވާ ޚިދުމަތެކެވެ.

މިސްކީމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޑިޔާއާއި ސްރީލަންކާއާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން މަދުވެގެން 6 މަސްދުވަހުގެ ވިސާ ލިބިފައިވާ ފަރާތްތަކަށެވެ. މީގެ ތެރޭގައި ބިޒްނަސް ވިސާ ނުހިމެނޭކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއެވެ.