ޚަބަރު

ބޭރު ޤައުމެއްގެ ޙިމާޔަތް ހޯދާފައިވާނަމަ ރައީސްކަމަށް ކުރިމަތި ނުލެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު ބާޠިލްކޮށްފި


ރާއްޖެއިން ބޭރު ޤައުމެއްގެ ޙިމާޔަތް ހޯދާފައިވާ ފަރާތަކަށް ރިޔާސީ އިންތިޙާބުގައި ވާދަނުކުރެވޭ ގޮތަށް ރައީސް ޔާމީންގެ ވެރިކަމުގައި އިންތިޙާބާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙު ބާޠިލްކޮށްފިއެވެ.

މި އިސްލާޙާމެދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުނގެ ތެރެއިން 63 މެމްބަރަކުވަނީ އިސްލާޙު ބާތިލްކުރުމަށް ވޯޓްދެއްވާފައެވެ. މި އިސްލާހު ގެނައުމުގެ ބޭނުމާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރުމަށް ހުޅުވާލި ފުރުޞަތުގައި ވާހަކަަ ދެއްކެވި މެމްބަރުންވަނީ މި އިސްލާހަކީ ވަކި މީހަކަށް އަމާޒުކޮށްގެން ގެނެވިފައިވާ އިސްލާހެއްކަމަށް ވިދާޅުވެފައެވެ.

މިއިސްލާހު އަމާޒުކޮށްފައިވަނީ މަޖިލީޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކަމަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ ވިދާޅުވެފައެވެ. ޤާނޫނު އަސާސީން ދިވެހި ކޮންމެރައްޔިތަކަށް ރިޔާސީ އިންތިޙާބުގައި ވާދަކުރުމުގެ ފުރުޞަތު ތަނަވަސް ކޮށްދީފައިވާއިރު، ވަކި ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށްޓަކައި ސިޔާސީ ފަރާތްތަކުގެ ކުރިމަގަށް ހުރަސްއެޅޭގޮތަށް ޤާނޫނުތަކަށް ގެނެވޭ މިފަދަ އިސްލާހުތަކަކީ ބަލައިގަނެވޭނޭ އިސްލާހުތަކެއް ނޫންކަމަށްވެސް މެންބަރުން ވަނީ ވިދާޅުވެފައެވެ. އިންތިޙާބާއި ބެހޭ ޤާނޫނަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގެނައުމުގެ އެންމެ ބޮޑު މަޤްސަދަކީ ރައީސް ނަޝީދަށް އިންތިޙާބުގައި ވާދަނުކުރެވޭނެ ގޮތްހެދުންކަމަށް 19 ވަނަ މަޖިލީހުގެ ގިނަ މެމްބަރުންވަނީ ވިދާޅުވެފައެވެ.

އިންތިޙާބާއި ބެހޭ ޤާނޫނަށް ޢޭރުގެ މަޖިލީހުން ގެނެސްގައިވާ އިސްލާހުގައި ބުނަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުންކަމަށެވެ.