ޚަބަރު

ޕީޖީ ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި


ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާ އެކަން މަޖިލީހުގެ ރައީސަށް އެންގުމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަކިކުރުމަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވި، ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިންއެވެ. މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ ޢައުލަބިއްޔަތުންނެވެ.

ކޮމިޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިއަދު ކޮމިޓީގައި ނިންމާފައިވަނީ ޕީޖީ ބިޝާމްއާއިމެދު ކޮމިޓީގެ މެމްބަރުންނަށް އޭނާ ވަކިކުރުމަށް ފެންނާތީ މަޖިލީހުގެ ޤަވާއިދު ހަމަޖެހިފައިވާ ގޮތުގެމަތީން އޭނާ ވަކިކުރުމުގުގެ ކުރިން މަޖިލިސްގެ ރިޔާސަތަށް ފޮނުވަންޖެހޭ ސިޓީ ފޮނުވުމަށްކަމަށެވެ. މިއަދުގެ ކޮމިޓީގައި މިކަން ފާސްވެފައިވުމުން މަޖިލީހުގެ ރިޔާސަތުން މިކަމަށް ވަކިގޮތެއް ކަނޑައެޅުމުން ޕީޖީ ބިޝާމްގެ މައްސަލާގައި ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކުރަމުންދާނެކަމަށެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2 ފަހަރެއްގެ މަތިން ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެއްވެސް ފަހަރަކު މަޖިލިސް ތަޅުމާއި ހަމަޔަށް ގޮސްފައިނުވެއެވެ. އޭރު މަޖިލީހަށް ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވުމާއި، މިނޫންވެސް އޭރުގައި ޕީޖީ އަމަލުކޮށްފައިވާ ގޮތްތަކުން ކަމަށް މިމައްސަލަ ހުށަހެޅުއްވި މެމްބަރު އޭރު ވަނީ ވިދާޅުވެފައެވެ.

ޕީޖީ ބިޝަމް އެކި މަރުހަލާ ތަކުގައި ދައުވާތައް ކުރައްވާފައިވާގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ޕީޖީ ބިޝާމްއާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ބިޝާމް އިސްކޮށް ހުންނަވައިގެން، ރާއްޖޭގެ އެތައް ބައެއްގެ މައްޗަށް ނުހައްގުން ދައުވާކޮށް ގާނޫނާ ހިލާފަށް އެތައް ކަމެއް ކުރެއްވިކަމަށް. ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅަކު އެ މަގާމުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާޔާއި މަޖިލީހުގައި ހިމެނޭ ގިނަ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަށް އައިޝަތު ބިޝާމް އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.