ޚަބަރު

ޖޭއެސްސީން ބަލާ މައްސަލަތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ އިލްތިމާސްއެއް ރައީސަށް!


ޤާނޫނު އަސާސީގެ ބާރު ކަނޑާލައި ޤާނޫނާ ޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ އެކަން ހުއްޓުވައިދެއްވުމަށް އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އިލްތިމާސްކުރައްވައިފިއެވެ.

މިކަމަށް އިލްތިމާސްކުރައްވައި އުއްތަމަ ފަނޑިޔާރު މިއަދު ބަޔާނެއް ނެރުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާގުޅޭ ސުލޫކީ މައްސަލަތަކެއް ބެލުމަށް ނިންމައި، އެކަން މިދިޔަ ބުދަދުވަހު އެ ފަނޑިޔާރުންނަށް އެންގުމާ ގުޅިގެންނެވެ.

ޖޭއެސްސީން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން ފާއިތުވި ހަތަރު އަހަރެއްހައި ދުވަހުގެ ތެރޭގައި ކުރައްވާފައިވާ ހުކުމްތަކާއި ނެރުއްވި އަމުރުތަކާއި ނިންމަވާފައިވާ ނިންމުންތަކާ ގުޅޭގޮތުން ޖޭއެސްސީން ތައްޔާރުކުރި ރިޕޯޓުން ފާހަގަކުރެވުނު ކަންކަމާގުޅޭ މައްސަލަތަކެއްކަން އެނގިފައިވެއެވެ. އެރިޕޯޓް ރައްޔިތުންގެ މަޖިލީހާވެސް ޖޭއެސްސީން ހިއްސާ ކުރައްވާފައިވާއިރު އެރިޕޯޓުގައި ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ފިޔަވާ އެހެން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެެވެ.

އެ މައްސަލަތައް ބެލުމަށް ނިންމުމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ 15 މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމަވާފައި ވީނަމަވެސް ބަލަން ނިންމަވާފައިވާ މައްސަލަތަކުގެ ތެރޭގައި ޖޭއެސްސީގެ ގާނޫނީ އިޚްތިސާސްގެ ދަށުން އެ ކޮމިޝަނަށް ބެލުމުގެ ބާރު ލިބިފައިވާ ސުލޫކީ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ މައްސަލައެއް ބެލުމަކީ ކަނޑައެޅިގެން ޣައިރު ދުސްތޫރީ އަދި ޣައިރުޤާނޫނީ ޢަމަލެއް ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

އަދި ފަނޑިޔާރުން ޤަޟާއީ ގޮތުން ނިންމާ ނިންމުންތަކުގެ މެރިޓަށް ބަލައި އެއީ ސުލޫކީ މައްސަލަތަކެއް ކަމަށް ބެލުމަކީ ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމާ ބެހޭ އެންމެހައި ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ތަހުޒީބީ ދުނިޔޭގެ އެންމެހައި ނިޒާމުތަކުގައި ޢަމަލު ކުރާ އުޞޫލުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ވެސް ޚިލާފު ނިންމުމެއް ކަމަށްވެސް ވަނީ ވިދާޅުވެފައި އެވެ.

"ފަނޑިޔާރަކު ވަކި ގޮތަކަށް އިޖްތިހާދު ކޮށް، ވަކި ރައުޔެއް ނެރެ، ވަކި ނިންމުމެއް ނިންމައިފައި އޮތުމަކީ އޭގެ ޒާތުގައި ސުލޫކީ މައްސަލައެއް ކަމަށް ބެލުމަކީ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމަޔަކުން، އެއްވެސް
އުޞޫލަކުން، ކުރެވޭނޭ ކަމެއް ނޫނެވެ." އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.


އެހެންކަމުން، ޖޭއެސްސީގެ އެ އަމަލަކީ މިނިވަން އަދި މުސްތަޤިއްލު ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ބާރު ކަނޑުވައިލައި، އެ ބާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ނިގުޅައިގަނެ، ވަކި ބައެއްގެ ބާރާއި ނުފޫޒާއި ކޮންޓްރޯލުގެ ދަށަށް ދިވެހިރާއްޖޭގެ ކޯޓުތައް ގެންގޮސް، ފަނޑިޔާރުންނަށް ބިރު ދައްކައިގެން ފަނޑިޔާރުން ވަކި ބައެއްގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ދިވެހި ދައުލަތުގެ ޢަދުލުއިންޞާފުގެ ނިޒާމު ހަލާކު ވެގެން ހިނގައިދާނޭ ގޮތައްކުރާ ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައި އެވެ.

އެހެންވެ އެއޯ ގާނޫނޫ އަސާސީގެ "ބާރު ކަނޑުވައިލައިގެން" ހިންގަމުން ގެންދާ ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ޢަމަލުތަކެއްކަމުގައިވާތީ، އެކަން ހުއްޓުވާ ދެއްވުމަށް އުއްތަމަ ފަނޑިޔާރު ރައީސުލް ޖުމްހޫރިއްޔާއަށް މި ބަޔާން މެދުވެރިކޮށް އިލްމާސް ކުރައްވާފައިވެ އެވެ. އަދި ދިވެހި ދައުލަތުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ހިންގަވައިދެއްވައި، އަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށް ނަގަހައްޓަވައި ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސްކުރައްވާފައި އެވެ.

އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ އެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދާދެއްވައި އަދުލު އިންސާފު ހޯދާދެއްވުމަށް ސަރުކާރުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައި އެވެ.