ޚަބަރު

މިއީ އެންމެ ކާމިޔާބު ސަރުކާރަށް ވާނެ، އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ - ނަޝީދު


މި ސަރުކާރަކީ އެންމެ ކާމިޔާބު ސަރުކާރަށް ވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި އެމްޑީޕީގެ މެމްބަރުން ބައިބައި ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްކަމުގެ އާ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވުމަށްފަހު އެ ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ މަސައްކަތުގެ ދުރުރާސްތާ ޕްލޭނެއް ތައްޔާރުކުރުން ކަމަށާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާމެދު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ކުރަން ޖެހޭ ކަމަކީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި މެމްބަރުނަށް އެހީތެރިވުން ކަމަށެވެ. އަދި ޚިޔާލުތަފާތުވި ނަމަވެސް އެމްޑީޕީން ބޭރަށް އެކަން ނުދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި، ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮވެ ރައްޔިތުންގެ މަޖިލީހުވެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައި އޮތްއިރު އިސްލާހްކުރުމަށް އެމްޑީޕީން ބޭނުންވާ ކަމެއް މިހާރު ނުކުރެވި ނޯންނާނެ ކަމަށެވެ.

މިހާރުގެ ސަރުކާރު ބަދަލުވުމަށް އެއްވެސް ގޮތަކަށް އެދިވަޑައިނުގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި އިސްލާހް ކުރަންހުރި މުވައްސަސާތައް އެބަހުރި ކަމަށާއި އެކަން ކުރެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ އެމްޑީޕީގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާތީ އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީއަށް އަމާޒުކޮށްގެން ބައެއް ފަރާތްތަކުން އެއީ ލާދިނީ ބައެއް ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ އެއީ ލާދިނީ ބައެއް ނޫން ކަމަށެވެ. އަދި އެހެން މީހުން ދައްކާ ވާހަކައަށް އަޅާނުލުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.