ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރު ކަނޑައެޅުން މާދަމާ


އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި މަޖިލީހުގެ ކޮމިޓީން ފޮނުވި ނަންތަކަށް ވޯޓަށް އަހައި މާދަމާ އިންފޮމޭޝަން ކޮމިޝަނަރަކު ކަނޑައެޅުމަށް ނިންމައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ކޮމިޓީން ހުށަހެޅި ރިޕޯޓް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް، ކޮމިޓީގެ ރިޕޯޓް ތަޅުމަށް އިއްވުމަށްފަހު މާދަމާގެ ވޯޓް ގަޑީގައި މިމައްސަލާގައި ވޯޓަށް އަހާނެއެވެ. މާދަމާ ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ ކޮމިޓީން ތަޅުމަށް ފޮނުވި ތިންބޭފުޅުން ކަމުގައިވާ ހުސައިން ފިޔާޒު މޫސާ އާއި އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދު ރަޝީދުގެ ނަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރަކަށް ކަނޑައަޅާނީ އެންމެ ގިނަ ވޯޓް ލިބޭ ބޭފުޅެކެވެ.

ހުސްވެފައިވާ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސް ވަނީ 9 ބޭފުޅެއް ގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. މި ނަންތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވާ ތަރުތީބުން 4 ބޭފުޅަކާ ކޮމެޓީންވަނީ އިންޓަރވިއުކޮށްފައެވެ.

ކޮމެޓީން އިންޓަރވިއުކުރީ ހުސައިން ފިޔާޒު މޫސާ އާއި އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދު ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަން އެވެ. މި ބޭފުޅުންގެ ތެރެއިން ފާތިމަތު ޝައުޝަން ނޫން އަނެއް ތިން ބޭފުޅުނަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ކޮމެޓީގައި ބައިވެރިވެޑައިގެން ނުވަ މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ޤަަވައިދަށް ގެނައި އިސްލާހުގެ ދަށުން މި އިންޓަރވިއުތައް ލައިވްކުރުމުގެ ހުއްދަ މީޑިއާތަކަށް ދިނުމުން މިނިވަން މުޢައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުންތައް ޓީވީ ޗެނަލްތަކުން ފުރަތަމަ ފަހަރަށްވަނީ ލައިވްކޮށް ދައްކާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ހަމަވެފައިވާތީއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމް ހުސްކޮށް އޮންނަތާ މިހާރު 2 މަސް ދުވަހަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.