ޚަބަރު

އާދަމް މުހައްމަދު އެދިވަޑައިގަންނަވަނީ ހުޅުވާލައިގެން މައްސަލަ ކުރިއަށް ގެންދަން


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހްމަތު ކުރެވޭ ސުކޫލީ މައްސަލައިގެ ތަހްގީގު ހުޅުވާލައިގެން ބޭއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފާއި އާދަމް މުޙައްމަދުގެ މައްޗަށް ތުހްމަތު ކުރާ ސުލޫކީ މައްސަލަތަކެއް ބެލުމަށް ނިންމައި އެކަން އެ ފަނޑިޔާރުންނަށް އަންގާފައެވެ. އެއާ ގުޅިގެން އުއްތަމަ ފަނޑިޔާރު ވަނީ އެ މައްސަލަތަކުގެ ތެރޭގައި ސުލޫކީ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ޖޭއެސްސީ އިން ކުރާ އެ މަސައްކަތަކީ ޤާނޫނާ ޚިލާފު މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އާދަމް މުޙައްމަދު ޖޭއެސްސީގައި އެދިވަޑައިގަތީ އެ މައްސަލަތަކުގައި ޖޭއެސްސީން ސުވާލުކުރާއިރު ހުޅުވާލައިގެން އެކަން ކުރިއަށް ގެންދިއުމަށެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ދީދީގެ އެދިވަޑައިގަތުމަށް ޖޭއެސްސީން ވަނީ އޭނާގެ މައްޗަށް ތުހްމަތު ކުރެވުނު މައްސަލައިގެ ތަހްގީގުގައި ސުވާލުކުރުންވެސް އާންމުކޮން ހުޅުވާލައިގެން ބާއްވާފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް 15 މައްސަލައެއްގައި ތުހްމަތުކުރާ ކަމަށް މިދިޔަ ހަފްތާގައި އަންގާފައިވެއެވެ. އެއީ ރާއްޖޭގެ ޖުޑިޝަރީއާ ގުޅޭ ގޮތުން ޖޭއެސްސީ އިން ތައްޔާރުކުރި ރިޕޯޓެއްގައި ފާހަގަ ކުރެވިކަންކަމެވެ. މީގެ އިތުރުން ދާދިފަހު އެ ތިން ފަނޑިޔާރުންގެ މައްޗަށް ތުހްމަތު ކުރެވުނު މައްސަލައެއް ސާބިތުވެ ފިޔަވަޅެއްގެ ގޮތުން ނަސޭހަތްވެސް ދީފައިވެއެވެ.