ޚަބަރު

ވެސްޓް ޕާކް ސަރަހައްދުގައި ހުރި ގާޑިޔާތަކާއި ވެހިކަލްތައް ނަގަން ފަށައިފި


މާފަންނު ވެސްޓް ޕާކް ސަރަހައްދުގައި ހުރި ގާޑިޔާތަކާއި ވެހިކަލްތައް ނަގާ، އެތަން ސާފުކުރަން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ އެސަރަޙައްދުގައި ހުރި ގާޑިޔާތައް މިހާރު ނަގާފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދަކީ ސާފުތާހިރު އަދި އާއްމުންނަށް ފަސޭހައިން ހިނގޭނެ ސަރަހައްދެއްގެ ގޮތުގައި ހެދުމަށްކަމަށެވެ. އަދި މިދިޔަ ރޯދަމަހަށް ޚާއްސަކޮށްގެން އެ ސަރަޙައްދުގައި ހަދާފައިވާ މާރުކޭޓު ނަގާ އެތަން ސާފުކުރިކަމުގައި ވީނަމަވެސް، އެ ބިމަށް ދެން ހަދާނެ ގޮތެއް ނިންމާނީ ޕްލޭނިން މިނިސްޓްރީންކަމަށް ސިފާ ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލުން އެސަރަޙައްދު ސާފުކުރަމުންދަނީ އާއްމުންގެ އެދުމުގެ މަތިންކަމަށް އޭނާ ވިދާޅުވިއެވެ.

ވެސްޓް ޕާކްގައި ހުރި ގާޑިޔާތައް ނަގާފައިވަނީ އެ ގާޑިޔާތަކުގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނެވެ. ސިޓީ ކައުންސިލުން ވިދާޅުވީ ގާޑިއާތަށް ނެގީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ ތަންތަނުގެ ސާފު ތާހިރުކަން ކުޑަކަމަށް ބުނެފައިވާތީކަމަށެވެ.

ސިފާ ވިދާޅުވީ ގާޑިޔާތައް ނެގުމުގައި މިވަގުތު އިސްކަން ދެނީ ސާފު ތާޚިރުކަން ކުޑަވުމާއި އަދި ޤަވާދުތަކާއި ޚިލާފަށް ހިންގަމުންދާ ގާޑިއާތައް ބަލައިގެންކަމަށެވެ. އެގޮތުން ޤަވާއިދުން މީރާއަށް ފައިސާ ނުދައްކާ ގާޑިއާތަށް ނެގުމަށް އިސްކަންދޭނެކަމަށް ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ގާޑިޔާތަކަކީ ދިވެހިން ތިބެގެން ހިންގަންޖެހޭ ވިޔަފާރިތައް ނަމަވެސް ގިނައިން ފެންނަނީ ބިދޭސީން ގާޑިޔާތައް ހިންގާ މަންޒަރުކަމަށެވެ. އެހެންކަމުން ގާޑިޔާތައް ނެގުމުގައި މިކަންކަމަށްވެސް ބަލާނެކަމަށް މޭޔަރ ވިދާޅުވިއެވެ.