ކުރީގެ ޑިފެންސް މިނިސްޓާރ ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް އެގާރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ނިންމުމުގައި ގާނޫނާއި ހިލާފަށް ކަމެއްކޮށްފައިވާކަމަށް ނުދެކޭކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.ދަށުކޯޓްގެ ނިންމުން ނާޒިމްގެ ފަރާތްފުޅުން އިސްތިއުނާފްކުރި ނުކުތާކަކަށް ޖަވާބްދާރީވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ކުރިމިނަލްކޯޓުން މައްސަލަ ނިންމުމުގައި ޖިނާއީ އިޖްރާއަތުތަކާއި ހިލާފު ކަމެއް ފާހަގަކުރެވިފައިނުވާކަމަށެވެ. އަދި ދަށުކޯޓްގައި ހިގަމުންދިޔަ މައްސަލަގައި ހެކިބަސްދިން މީހުން ދޮގު ހެކިބަސްދީފައިވާކަމަށް ބުނިނަމަވެސް ހުށައެޅި ހެކިންގެ ހެކިބަހުން ހުކުމަށް އަސަރުކުރާވަރުގެ ފުށުއެރުން ހުރިކަމަށް ގާބޫލްކުރާނެ ތަނެއްނެތްކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ހެކިބަސް ދިން މީހުންނާއި ޕީޖީ އޮފީހުން ބައްދަލްކުރި ނަމަވެސް ހެއްކަށް ނުފޫޒު ފޯރުމަށް ދައުލަތުގެ ފަރާތުން އެއްވެސް ކަމެއްކޮށްފައިވާކަން މައްސަލަ ނިންމުމުގައި ފަނޑިޔާރުން ފާހަގަކޮށްފައިނުވާކަމަށްވެސް ދައުލަތުގެ ޖަވާބުގައި ވެއެވެ.ދައުލަތުގެ ވަކީލް ވިދާޅުވީ ދަށުކޯޓުން މައްސަލަ ނިންމުމުގައި ނާޒިމަށް ކުށުން ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމަށެވެ. އަދި ކުރިމިނަލްކޯޓުން ނިންމި މައްސަލައިގެ ހުކުމަށް ވާސިލްވުމަށް ގާނޫނު އަސާސީއާއި ގާނޫނާއި ހިލާފްކަމެއް ހިނގާފައިނުވާތީ ދަށުކޯޓްގެ ނިންމުން ބާތިލްކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅަދީ އެހުކުމް ދެމެހެއްޓުމަށް ޕީޖީ އޮފީހުގެ ފަރާތުން އެދިފައިވެއެވެ.