ޚަބަރު

ޖަމިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން މަޖިލީހަށް ގަޑިއަށް ހާޒިރުވާންޖެހޭ - މަޖިލިސް ރައީސް


ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންވެސް ގަޑިއަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ވޯޓް ގަޑިއާއި ދިމާކޮށް މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި، އިދިކޮޅު މެމްބަރުން ނަގަމުންދިޔަ ނިޒާމީ ނުކުތާތަކުގެ ތެރެއިން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ނެންގެވި ނިޒާމީ ނުކުތާއަށް އިޝާރާތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަނީ ވޯޓް ގަޑިއާއި ދިމާކޮށް 30 މިނިޓަށްކަމަށެވެ.

ނަމަވެސް ރައްޔިތުން މެމްބަރުންނާއި ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ހުރިހާ މެމްބަރުންވެސް މަޖިލިސް ފަށާ ގަޑިއަށް ހާޒިރުވުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ. މަޖިލިސް ރައީސްގެ މިވާހަކަތަކާއި ގުޅިގެން އިދިކޮޅު މެމްބަރުންގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދުވަނީ ނިޒާމީ ނުކުތާ ނަންގަވައި މަޖިލިސް ރައީސް ދެއްކެވި ވާހަކަފުޅު ދޮގުކުރައްވާފައެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ މަޖިލީހަށާއި، މަޖިލީހުގެ ކޮމިޓީތަކަށް އިދިކޮޅު މެމްބަރުން ބަރާބަރަށް ހާޒިރުވާކަމަށެވެ. މަޖިލީހުގެތެރެއިން އިދިކޮޅު މެމްބަރުން މަސައްކަތް ނުކުރާކަމަށް ދައްކަން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އެހެން މަންޒަރެއް ދެއްކުމަށް ކުރައްވަމުންދާ ކަމެއްކަމަށްވެސް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި ފުރަތަމަ ނިޒާމީ ނުކުތާ ނެންގެވި ވައިކަރަދޫ ދާއިރާގެ އެމްޑިޕީ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަނީ 1 ޖަހާކަންހާއިރުކަމަށެވެ. އަދި އެހާއިރު މަޖިލީހަށް އައުމަށްފަހު ތަޅުމުގައި ވާހަކަދައްކަވަނީ ދާއިރާގެ ރައްޔިތުންނަށް މެމްބަރު މަޖިލީހަށް ވަޑައިގެންނެވިކަން ދެއްކުމަށް ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.