ޚަބަރު

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ


އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލާގައި ބައެއް ފަނޑިޔާރުން ބައިވެރިވާކަމަށް ތުހްމަތު ކުރެވޭ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ބެލުމަށް ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވެފައިވާ ގޮތުގައި އެ ކޮމިޝަނުގެ ބައްދަލުވުގައި ނިންމާފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލައިގައި ބައެއް ފަނޑިޔާރުން ބައިވެރިވާކަމަށް، ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސެކިއުޓަރ ޖެނަރަލް އައިޝަތު ބިޝާމް ދަންނަވާފައިވާތީ އެ ފަނޑިޔާރުންގެ މައްސަލަ ތަޙްޤީޤުކުރުމަށް އެ ކޮމިޝަނުން ތަހްގީގުކުރުމަށެވެ.

އެހެންވެ އެ މައްސަލާގައި ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ ފަނޑިޔާރުންނާއި، އެކަމާ ގުޅޭ ހެކިތައް ޖޭއެސްސީ އާ ހިއްސާ ކޮށްދެއްވުން ކަމާގުޅުންހުރި އިދާރާތަކުގައި އެންގުމަށްވެސް އެ ކޮމިޝަނުން ނިންމަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުގެ ޚިޔާނާތުގެ މައްސަލައިގައި މި ވަގުތު ވެސް ފަނޑިޔާރުންގެ މަޤާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް ޕީޖީ ވިދާޅުވުމާ ގުޅިގެން، އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، އެ މައްސަލައެއް ބަލައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ލަސްނުކޮށް އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ވެސް ވަނީ ގޮވާލައްވާފައެވެ.

ޖޭއެސްސީ ވަނީ ކ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަޙްމަދާ ބެހޭގޮތުން އެ ކޮމިޝަނުން ތަޙްޤީޤުކުރެވުނު މައްސަލަ ސާބިތުވާތީ އެ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމަވާފައެވެ.

ޖޭއެސްސީން އެގޮތައް ނިންމީ މެޖިސްޓްރޭޓް ރާޣިބުގެ މައްސަލަ ކޮމެޓީން ބެލުމަށްފަހު ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކި ކުުރުމަށް ނިންމާފައިވާތީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހު، ކޮމިޝަނުން ގޮތެއް ނިންމުމަށް ހުށަހެޅުމުންނެވެ.

އޭގެ އިތުރުން ބަލިހާލު ހުރިގޮތުން ވަޒީފާއިން މުސްކުޅިކޮށްދެއްވުމަށް އެދި ގދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަޙްމަދު ޝަރީފް ހުށަހަޅުއްވާފައިވާތީ މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެޤަވާޢިދު" ގެ ދަށުން މުސްކުޅިކޮށްދެއްވުމަށް ނިންމަވާ ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައި އެވެ. ޖޭއެސްސީ އިން މައުލޫމާތު ދެއްވި ގޮތުގައި އެގޮތައް ނިންމީ އަޙްމަދު ޝަރީފަކީ އުމުރުން 57 އަހަރު ވެފައިވާ މެޖިސްޓްރޭޓެއްކަމަށް ވާތީ އާއި އަދި ހުށަހަޅާފައިވާ މެޑިކަލް ރިޕޯޓްތަކަށް ބަލާއިރުވެސް ސިއްޙީ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވޭތީ ކަމަށެވެ.