ޚަބަރު

ރާޣިބް އިސްތިއުފާ ދެއްވައި ޖޭއެސްސީއަށް ކޮށްފައިވާ ތުހުމަތުތަކަކީ ހަޤީޤަތާއި ޚިލާފް ތުހުމަތުތަކެއް - ޖޭއެސްސީ


ޖޭއެސްސީއާ ގުޅޭގޮތުން މެޖިސްޓްރޭޓު ރާޣިބް ކުރައްވާފައިވާ ތުހުމަތުތަކަކީ އެއްވެސް ހަޤީޤަތެއްނެތް ދޮގުތުހުމަތުކަމެއް ކަމުގައި ޖޭއެސްސީން ވިދާޅުވެއްޖެއެވެ.

މަޤާމުން އިސްތިއުފާ ދެއްވައި ރާޣިބް ނެރުއްވި ބަޔާނާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖޭއެސްސީން ފަޑިޔާރުންގެ މައްސަލަތައް ބަލަމުންދަނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި، ކޮމިޝަނުން މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންކަމަށެވެ. އަދި ކޮމިޝަނުން ފަޑިޔާރަކާއިމެދު ފިޔަވަޅު އަޅަނީ ފަޑިޔާރުންނަށް ޤާނޫނީ ގޮތުން ކަށަވަރުކޮށްދޭ އެންމެހައި ހައްޤުތައް ކަށަވަރު ކޮށްދެއްވުމަށް ފަހުގައިކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ރާޣިބް މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ އެކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކެއް ސާބިތުވެގެންކަމަށެވެ. އެކޮމިޝަނުން ބެލި ކަންތައްތަކުގެ ތެރެއިން ރާޣިބްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކުގެ ތެރޭގައި ކޯޓުގައި މަސައްކަތް ކުރާ 2 އަންހެން މުވައްޒިފަކާއި ޖިއްސީ ފުރައްސާރަކޮށް، ޖިންސީ ގޯނާ ކުރުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އެއްފަރަތާއި ގާތްގުޅުން ބާއްވާ މައްސަލައާއި، ކޯޓްތަކުގެ މުވައްޒިފުން ލައްވައި މަޖުބޫރުން، މަސައްކަތުން ބޭރުކަންކަންކަން ކުރުމާއި، ސިޔާސީ ހަރަކާތްތަކުގައިބައިވެރިވެ، ސިޔާސީ ފަރާތްތަކަށް ތާއީދު ހޯދުމަށް ބައިވެރިވުންފަދަ ކަންކަން ހިމެނެއެވެ.

ރާޣިބްގެ މައްޗަށް ސާބިތުވެފައިވާ ސުލޫކީ ބައެއް މައްސަލަތަކަކީ މައްސަލައިގެ ބާވަތުން ޖިނާޢީ ތަޙްޤީޤު ހިންގަންޖެހޭ މައްސަލަތަކަށް ފެންނާތީ އެމައްސަލަތައް ފުލުހުންނަށް ހުށައަޅާފައިވާކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ. ޖޭއެސްސީން ބުނެފައިވަނީ ރާޣިބްއާއިގުޅޭގޮތުން ފިޔަވަޅު އެޅުމަށް ނިންމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ އާންމުކޮށްފައިވާ ސިޓީއަކީ އެއްވެސް ހަގީގަތެއްނެތް ދޮގުވާހަކަތެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ސިޓީއެއްކަމަށެވެ.

ކ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް ހުންނެވި މުޙައްމަދު ރާޣިބު އަޙްމަދާ ގުޅޭގޮތުން ޖޭއެސްސީން ތަޙްޤީޤުކުރެވުނު މައްސަލަ ސާބިތުވާތީ އެ ފަނޑިޔާރު މަޤާމުން ވަކިކުރުމަށް ނިންމުން އޭނާ ވަނީ މިއަދު މަޤާން އިސްތިއުފާ ދެއްވާފައެވެ.

މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުނު ބަޔާނުގައި އޭނާއާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާތަށް ބެއްލެވުމުގައި ކޮމިޝަނުން އެކުލަވާލި ކޮމިޓީއިން އޭނާއާމެދު ޒާތީ ތަޢައްސުބުން ފުރިގެންތިބެ ޚުދުމުޚުތާރު ކަމާއި އަނިޔާވެރިކަން އިސްކޮށްފައިވާކަމަށެވެ.

އަދި އޭނާއާ ސުވާލުކުރެވުނީ ވަކިގޮތަކަށް ޖަވާބުދާރީ ކުރުވަން ކަމަށްވެސް ވިދާޅުވެފައިވެއެވެ. ޢަދުލުވެރިކަން ގެއްލިފައިވާކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށާއި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރާޣިބު ފޮނުއްވި މި ސިޓީގައި ރާއްޖޭގައި މިއަދު ޢަދުލު އިންސާފެއް ނުލިބޭނެކަމަށް ޔަޤީންވާތީ ކ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވިކަން ވަނީ ހާމަކުރައްވާފައެވެ.