ޚަބަރު

ތަޙްޤީޤަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއް ޒިޔަތާ އެކުވެސް ހަދަނީ!


ޖިނާއީ އިޖްރާޢަތުގެ ޤާނޫނުގެދަށުން ތަޙްޤީޤަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއެކުވެސް ހަދަން ތައްޔާރުވެފައިވާކަމަށް ފުލުހުން ހާމަ ކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ޒިޔަތުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާ އިޢުތިރާފުވުމާގުޅިގެން ތަޙްޤީޤަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުން ހެދުމަށް މިހާރުވަނީ ތައްޔާރުވަފައެވެ. ޒިޔަތު މިހާރުވެސް ގެންދަނީ އެމްއެމްޕީއާރުސީން ފަޅުރަށެއް ދޫކޮށްގެން ލިބުނު ފަސްމިލިއަންޑޮލަކަށް ޚިޔާނާތްތެރިވި މައްސަލާގައި ޖަލުހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އޭގެ އިތުރުން މިހާރުވެސް 34 މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފައި ކޯޓުގައި އެބައޮތެވެ. ކުށަށް އިއުތިރާފުވެ ތަހްގީގަށް އެއްބާރުލުން ދިނުމަށް ހެދޭ އެއްބަސްވުމުގެ ދަށުން ކުށުގެ ތުހްމަތު ކުރެވޭ ފަރާތަށް އެ ގާނޫނުގެ ދަށުން އަދަބު ލުއިވެގެންދާނެ އެވެ.

އެޤާނޫނުގެދަށުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ތުހްމަތު ކުރެވޭ ގިނަ މައްސަލަތަކުގައި ވެސް ތަހްގީގަށް އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުން ވަނީ ހަދާފައެވެ. އެއެއްބަސްވުމުގެ ދަށުން އަދީބު ކުށަށް އިއުތިރާފުވެ ފުލުހުނަށް ތަފްސީލްކޮށް އެކަން ކަން ހިނގާދިޔަ ގޮތް ކިޔާދީ ހެކިތައް ފޯރުކޮށްދޭން ޖެހެއެވެ. އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާ 7 ދައުވާއާ ގުޅިގެން ކުށަށް އިއުތިރާފުވެއްޖެ ނަމަ އަންނާނީ 20 އަހަރުގެ ޖަލު ހުކުމެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.