ޚަބަރު

މަރުކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި މީހަކު ހޯދަން އިޢުލާންކޮށްފި


ގޮތްނޭގޭގޮތަށް ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މަރުތައް ތަޙްޤީޤްކުރުމަށް އުފައްދާފައިވާ ކޮމިޝަނުން ބަލަމުންދާ މައްސަލަޔަކާ ގުޅިގެން މީހަކު ހޯދުމަށް އެ ކޮމިޝަނުން ޢާއްމުންގެ އެހީއަށް އެދި އިޢުލާންކޮށްފިއެވެ.

އެކޮމިޝަނުން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މ.ކުރިރުއްގެ، އިރުފާން ރުޝްދީއަކީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދާނުފެނިފައިވާ މީހެއްކަމަށެވެ. މި މީހާއާއި ގުޅޭއެއްވެސް މައުލޫމާތެއް އެގޭ މީހަކު ހުރިނަމަ އެ މައުލޫމާތު އެ ކޮމިޝަނާއި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

މަރުތައް ބަލާ ކޮމިޝަނުން އިރުފާން ރުޝްދީ ހޯދަން ޢިއުލާންކޮށްފައިވަނީ 3 ޖޫން 2016 ގައި ހިނގި މާރާމާރީއެއްގައި މަރާލި 14 އަހަރުގެ ފާތިރު މުޙައްމަދު އަލީގެ މަރުގެ މައްސަލައިގައި ކަމަށް މަޢުލޫމާތުލިބެއެވެ. ފާތިރުގެ މަރުގެ މައްސަލައިގައި އިރުފާން ރުޝްދީ ހޯދުމަށް 2016ވަނަ އަހަރު ފުލުހުންވެސް ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް މިހާތަނަށް އޭނާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުންނަށްވެސް ލިބިފައިނުވެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލައަކާ ގުޅިގެން މިއަހަރު ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުވެސް ވަނީ ވޯޑިއޯއާންމުކޮށް މީހަކު ހޯދުމަށް އިޢުލާންކޮށްފައެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި އެކޮމިޝަމިޝަނުން ގެންދަނީ ފުލުހުންނާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް އެކޮމިޝަނުގެ ބޭނުމަށް މާލެއާއި އައްޑޫ ސިޓީގެ ބައެއް ގެތަކާއި ބައެއް ތަންތަން ބަލާ ފާސް ކޮށްފައިވެއެވެ.