ޚަބަރު

ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި މީހާގެ ބަންދަށް 15 ދުވަސް


ހަރުކަށި ފިކުރު ފެތުރުމާއި، ބޭރު ޤައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދައް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ. ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ހަރުކަށި ފިކުރު ފެތުރުމާއި، ބޭރުގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުމަތުކުރެވޭ އުމުރުން 35 އަހަރުގެ އެ ފިރެހެން މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުހުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އޭނާއަކީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވައި ހަނގުރާމަވެރި ޖަމާޢަތްތަކަށް މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭކަމަށެވެ.

ޓެރަރިސްޓު ޖަމަޢާތްތަކުގެ ނިޝާންތަކާއި ލިޔެކިއުންތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ހާމަކުރަމުންދިޔަ 27 އަހަރުގެ ފިރިހެނަކުވެސް ވަނީ މިމަހުގެ 12 ވަނަދުވަހު ހައްޔަރުކޮށްފައެވެ.

މިފަދަ ބަޔަކު ހައްޔަރުކުރަން ފަށާފައިމިވަނީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާމެދު ފިޔަވަޅު އަޅާފަދައިން މީހުންނަށް ބިރުދައްކާ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވައިފައިވާ ދަނޑިވަޅެއްގައެވެ.

ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތަކީވެސް ޓެރަރިޒަމްގެ ޢަމަލުތައްކަމަށް ކަނޑައަޅާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވީ، މިމަހުގެ 10 ވަނަ ދުވަހުއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމެވެ.