ޚަބަރު

2023ގެ ނިޔަލަށް %40 އިމާމުންނަކީ ޑިގްރީ ފެންވަރުގެ ބަޔަކަށް ހަދަނީ!


2023ވަނަ އަހަރުގެ ނިޔަލަށް %40 އިމާމުންނަކީ ޑިގްރީ ފެންވަރަށް ކިޔަވައިގެންތިބި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ހާމަކުރައްވާފައިވަނީ ސަރުކާރުގެ ކުރިއަށް އޮތް 4 އަހަރުގައި ކުރާނެކަންކަން ކަނޑައަޅައި ޢާއްމުކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައެވެ.

އިމާމުންގެ ގޮތުގައި މަސައްކަތް ކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާއި ގޮންޖެހުންތައް ޙައްލުކުރާނެ ގޮތުގެ މަޢުލޫމާތުދީ އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތަކާގުޅޭ ތަފާތު ހުނަރުތަކާއެކު އިމާމުން ތަމްރީނުކުރުމުގެ ތަފާތު ޕްރޮގްރާމުތަކެއް އެކި ދުވަސްވަރު އަންނަނީ ކުރިއަށްގެންދަމުންނެވެ.

އެގޮތުން 2014ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން އަންނަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީގެ އިތުރުން ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން އިމާމުން ތަމްރީނުކުރުމުގެ ތަފާތު އެތައް ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި އެތައް އިމާމުންނެއް ރާއްޖެއިން ބޭރުގެ ޤައުމުތަކުން ތަމްރީނުކުރެއެވެ. މިތަމްރީނުތައް އިތުރަށް ފުޅާކޮށް އިމާމުކަމުގެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރާ އަދި ހުނަރުވެރި ބަޔަކަށް ރާއްޖޭގެ މިސްކިތްތަކުގެ އިމާމުން ހެދުމަށް އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

2018ވަނަ އަހަރާ އަޅާބަލާއިރު 2023ވަނަ އަހަރުގެ ނިޔަލަށް އިމާމުންގެ ގޮތުގައި %40 އިމާމުންނަކީ ޑިގްރީ ފެންވަރަށް ތަޢުލީމް ހާޞިލް ކޮށްގެން ތިބި ބަޔަކަށް ހެދުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިގޮތުން މިއަހަރުގެ ތެރޭ 64 އިމާމުން ޑިގްރީ ފެންވަރަށްވަނީ ތަމްރީން ކޮށްފައެވެ. އަދި މިހާރުވެސް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައި 24 އިމާމުން އަންނަނީ ޑިގްރީ ފެންވަރަށް ކިޔަވަމުންނެވެ.

މިސްކިތްތައް ބަލަހައްޓަވާ އިމާމުންނަކީ ޢަރަބި ބަހާއި ބޭރުބަސްތަކަށް ވެސް އަހުލުވެރި ބަޔަކަށް ހެދުމަށްކަމަށާއި، ޑިގުރީ ފެންވަރަށް ކިޔަވައިދޭއިރު، ބައިނަލްއަޤުވާމީ އެކިއެކި ފަރާތްތަކާއި ގުޅިގެންވެސް އިމާމުން ތަމްރީނުކުރުމަށް ތާފާތު އެތައް ޕްރޮގްރާމްތައް މީގެކުރިން ހިންގާފައިވާކަންވެސް ފާހަގަކުރެވެއެވެ.

އެގޮތުން މައްކާގައި ހުންނަ އުއްމުލްޤުރާ ޔުނިވަރސިޓީއާއި މިޞްރުގެ ޔުނިވަރސިޓީތަކުގެ އިތުރުން ޢަރަބި ބައެއް އެހެން ޤައުމުތަކާއި ގުޅިގެންވެސްވަނީ ތަމްރީން ޕްރޮގްރާމްތައް ހިންގާފައެވެ.

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚުޠުބާ ކިޔާ މީހުންގެ ފެންވަރު މަތިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމުގައި މިދިޔަ އަހަރުވެސް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންގޮސް މާލެއާއި އަތޮޅުތަކުން 206 އިމާމުން ވަނީ ތަމްރީނުކޮށްފައެވެ.